މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާ އެކު ހުޅުމާލެ އިން އައްޑޫ ހިތަދޫ ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކޮށް އަދި އެތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ހިތަދޫ، މާސާ، އަހުމަދު ޢާނިމް، 27، ކަމަށެވެ.
މި އޮޕަރޭޝަނުގައި އޭނަ އުޅެމުން އައި ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ ޓިޝޫ ޕޭޕަރެއްގައި ހުރި ދެ ގްރާމްގެ އެއްޗިއްސާއި 300،000ރ. އަށް ވުރެ ގިނަ ފައިސާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އާނިމްގެ ބަން ދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 5 ދުވަސް ޖަހާފައިވެ އެވެ. އަދި މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.