ފާއިތުވި ހަފުތާގައި ފުލުހުންނަށް ފުލުހުންނަށް ހުށަހެޅި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން 200،000 އަށް ވުރެ ގިނަ ފައިސާ ހޯދައިފި އެވެ.
އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހުގެ 28 އިން މި މަހުގެ 4 ގެ ނިޔަލަށް ސްކޭމްގެ 42 މައްސަލައެއް ހުށަހެޅި އެވެ. މި މައްސަލަތަކުގައި ޖުމްލަ 318،342.50ރ. ގެއްލިފައިވާއިރު، އެ ފައިސާގެ ތެރެއިން ޖުމްލަ 221،243.33ރ. އަނބުރާ ހޯދާފައިވެ އެވެ.
މި މުއްދަތުގައި ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، ސްކޭމްގެ އެންމެ ގިނައިން ހުށަހެޅިފައި ވަނީ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން އެފަދަ 19 މައްސަލައެއް ހުށަހެޅި އިރު، ދެން އެންމެ ގިނައިން ހިމެނެނީ ކަރަންސީ އެކްސްޗޭންޖުގެ މައްސަލަތަކެވެ. އޭގެ 6 މައްސަލައެއް ހުށަހެޅި އިރު، އެ މުއްދަތުގައި އިމްޕާސޮނޭޝަންގެ 7 މައްސަލަ ހުށަހެޅިފައިވެ އެވެ. އަދި ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްގެ 3 މައްސަލައަކާއި އެހެނިހެން 7 މައްސަލައެއް ހުށަހެޅި އެވެ.
އެންޓި ސްކޭމްގެ ސެންޓަރުގެ ހަފުތާގެ ތަފާސްހިސާބަށް ބަލާ އިރު ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވާ މަންސަތަކަކީ ފޯންކޯލް، އައިބޭ، އޮންލައިން މެސެޖިން މަންސަތައް، ފިޝިން ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސް އެވެ.
ސްކޭމްގެ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެން ދާނެ ކަމަށް ކަމަށް އެންޓި-ސްކޭމް ސެންޓަރުން ބުނެ އެވެ. ރިޕޯޓުކުރުމަށް ނޭޝަނަލް އެމަޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected] އަށް އީމެއިލް ކުރެވޭނެ އެވެ.