Last Updated: June 8, 19:00
Monday, June 8, 2026
މުނިފޫހިފިލުވުން

'ޖޯސެފް' ގެ ހިންދީ ރިމޭކްގައި ސަނީ

ދެހާސް އަށާރައިގައި ރިލީޒްކުރި ކާމިޔާބު މަލަޔާޅަމް ކްރައިމް ތުރިލާ "ޖޯސެފް" ގެ ހިންދީ ރިމޭކްގެ މަސައްކަތް ސަނީ ޑިއޯލް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެެއް މީޑިއާތަކުން ވަނީ އެ ފިލްމުގެ ޝޫޓިންގެ ތެރެއިން ސަނީ އާއި ބަތަލާ ޕްރަގިއާ ޖައިސްވާލް މީޑިއާތަކުގެ މަސައްކަތްކުރާ ބަޔަކާ ބައްދަލު ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް އާންމުކޮށްފަ އެވެ.

މީޑިއާތަކުން ބުނީ "ޖޯސެފް" ގެ ހިންދީ ރިމޭކްގެ ނަމަކީ "ސޫރިއާ" ކަމަށާއި އޭގެ ޝޫޓިން ކުރިއަށް ދަނީ ރާޖަސްތާނުގައި ކަމަށެވެ. މީގެ ޕްރޮޑިއުސަރަކީ ކަމަލް މުކުތު އެވެ. އަދި "ސޫރިއާ" ގެ ޑައިރެކްޓަރަކީ "ޖޯސެފް" ވެސް ޑައިރެކްޓްކުރި އެމް ޕަދްމާކުމާރެވެ.

މި ފިލްމުގެ ޝޫޓިން މިހާރު އޮތީ ނިމުމަކާ ގާތުގައި ކަމަށާއި މި އަހަރު ފިލްމު ގެނެސްދޭން ނިންމާފައިވާތީ، ވަރަށް އަވަހަށް ތާރީހު ވެސް އިއުލާން ކުރާނެ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ.

ސަނީ، 67، ގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ އެޕްރީލްގައި ރިލީޒްކުރި އެކްޝަން ތުރިލާ "ޖާޓް" އެވެ. އޭނަގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި "ބޯޑާ 2" އާއި "ލާހޯރް، 1947" އާއި "ރާމާޔަން" ފާހަގަކޮށްލެވެ އެވެ.