Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ވޯޓެއް ނެގުމަކުން ބައިބައިވާކަށް ނުޖެހޭ: ނިޒާރު

ވޯޓެއް ނެގުމަކީ ބައިބައިވާން ޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ތިން ރަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމާފައިވާތީ އާންމުން އެކަމާ ގުޅޭ ގޮތުން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކަމުން އަންނަ އިރު، ސޯޝަލް މީޑިއާ ޕޯސްޓެއްގައި މެންބަރު މިއަދު ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމަށާއި އެހެނިހެން ކަންކަމާ ގުޅިގެން ވެސް ވޯޓް ނެގުމަކުން އެއީ އެއް ބަޔަަކު އަނެއް ބަޔަކަށް ބަސް ބުނަން ލިބޭ ފުރުސަތަކަށް ހެދުން ރަނގަޅު ނޫން ކަމަށެވެ.

"ވޯޓަކީ ކުޑަ ވަގުތުކޮޅެއްގެ ކަމެއް. ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް މިހާ ކުޑަ ކޮމިއުނިޓީއެއްގެ ތެރޭގައި އުޅޭ އިރު އެކުވެރިކަމާއި އެއްބައިވަންތަ ކަމަށް އަބަދު ވެސް އިސްކަން ދޭން ވާނެ." ނިޒާރު ވިދާޅުވި އެވެ.

ރަށު ކައުންސިލްތައް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ އައްޑޫ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.

ވޯޓް ނަގަން ނިންމާފައި ވަނީ މި މަހުގެ 25 ގަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައި ވަނީ އެ ވޯޓަށް އައްޑު އާއި މާލެ ހިމެނޭ ގޮތަށް ޖުމްލަ 18 ވޯޓްފޮށި ބަހައްޓާނެ ކަމަށެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ރަށު ކައުންސިލްތައް ހަދަން ފެނޭތޯ ވޯޓަކަށް ދާން ނިންމީ އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް އައްޑޫގެ ބައެއް ފަރާތްތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅުއްވާފައިވާތީ އެވެ.

މި ވޯޓާ ގުޅޭ ގޮތުން ރައީސް ވިދާޅުވެފައި ވަނީ ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށާއި ސަރުކާރުން އިހުތިޔާރު ކުރާ ވަކި ނަތީޖާއެއް ވެސް ނެތް ކަމަށެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ބުނަމުން އަންނަނީ މިއީ އައްޑޫ ސިޓީ ކައުންސިލް ރޫޅާލައި ބައިބައިކަން ކުރަން ސަރުކާރުން ކުރާ ކަމެއް ކަމަށެވެ.