Last Updated: July 4, 09:23
Saturday, July 4, 2026
ޚަބަރު

ހުރިހާ ރަށެއްގައި މި މަހު އޭޓީއެމް ބަހައްޓައި ނިންމަނީ

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިމަހު އޭޓީއެމް ބަހައްޓައި ނިމޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

ރައީސް، ޑރ. މުހައްމަދު މުއިއްޒު އދގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވި، މަންދޫގައި އޭޓީއެމް ހުޅުވުމަށް ބޭއްވި ރަސްމިއްޔާުގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެޑް މާކެޓިން ސްޓްރެޓެޖީ، މުހައްމަދު ސައީދު ވިދާޅުވީ، މިއަހަރުގެ 8 މަސް ދުވަހުގެ ތެރޭގައި 95 ރަށެއްގައި އޭޓީއެމް ބަހައްތާ ނިމިފައިވާ ކަމަށެވެ.

އަދި އޭޓީއެމް ނުބެހެއްޓި ހުރީ 10 ރަށުގައި ކަމަށާއި އެ ރަށްތަކުގައި ކުރިއަށް އޮތް 20 ދުވަސް ތެރޭ އޭޓީއެމް ބަހައްޓާ ނިންމާލެވޭނެ ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ބީއެމްއެލް އިން ވަނީ ރާއްޖޭގެ 17 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ނިންމާފައެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އޭޓީއެމް ބަހައްޓައި ނުނިމޭ އަތޮޅުތަކަކީ ޅ. އަދި ލ. އަތޮޅުގެ އިތުރުން އައްޑު އަތޮޅުގައެވެ.

ރާއްޖޭގައި އޭޓީއެމް ބަހައްޓަން ފަށާފައި ވަނީ 2000 ވަނަ އަހަރުއެވެ. އެއަހަރުން ފެށިގެން ފާއިތުވި 24 އަހަރުތެރޭ މާލެ ފިޔަވައި 81 ރަށުގައި އޭޓީއެމް ވަނީ ބަހައްޓާފައެވެ. އިއްޔެ މަންދޫގައި ބެހެއްޓި އޭޓީއެމްއަކީ ބީއެމްއެލްގެ 250 ވަނަ އޭޓީއެމްއެވެ.