Last Updated: July 4, 09:19
Saturday, July 4, 2026
ޚަބަރު

އޭސީސީގެ ތަހުގީގަކަށް ހާޒިރުވާން ފައްޔާޒަށް އަންގައިފި

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް - ފޮޓޯ: އެމްޑީޕީ

އޭސީސީ އިން ތަހުގީގު ކުރަމުންދާ މައްސަލައަކަށް ހާޒިރުވާން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ޗިޓު ފޮނުވައިފި އެވެ.

ޗިޓުގައި ބުނެފައިވާ ގޮތުން ފައްޔާޒް ހާޒިރުކުރަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގަ އެވެ.

އެ ގޮތުން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް 2019 ވަނަ އަހަރު އޮލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި ފައްޔާޒް ބައިވެރިވެފައިވާ ކަމަށް ޗިޓުގައި ބުނެފައިވެ އެވެ.

އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ފައްޔާޒަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ ތުހުމަތުގެ އިތުރުން އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް ޗިޓުގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި މިމަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 9:30 އަށް އޭސީސީއަށް ހާޒިރުވުމަށް ފައްޔާޒަށް ވަނީ އަންގާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އޭސީސީގެ ތަހުގީގަކަށް ހާޒިރުވުމުގެ ޗިޓެއް މިއަދު ލިބިފައިވާ ކަމަށާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައި ނޯންނާނެ ކަމަށެވެ.

"އިންސާފުވެރި ތަހުގީގެއް އޭސީސީން ކުރާނެ އަދި ކުރެވޭނެ ކަމަށް މިއަދު ގަބޫލެއް ނުކުރަން. ފާއިތުވި ދެ އަހަރަކީ މުއިއްޒު ސަރުކާރުން ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފުނޑާލި ދެ އަހަރު. ވަޒީފާގެ ޔަގީންކަން ހޯދުމަށް ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން މުއިއްޒު އަންގަވާހާ ގޮތަކަށް ކަންކަން ކުރަމުން އަންނަކަން ދިވެހިންނަށް ވަރަށް ސާފު. ސިޔާސީ ނުފޫޒުގައި ޖެހި ވަކި އަތަކަށް ޖެހިގެން ތަހުގީގު ހިންގާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަހަލަ ޚުދުމުހުތާރު، އަނިޔާވެރި މީހަކު ވެރިކަމާ ހަވާލުވުމުން މިހާރުމާބޮޑަށް ވެސް ސާފުވެގެން ދަނީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ކަމަށެވެ. އެގޮތުން މިނިވަން މުއައްސަސާތައް ހަގީގަތުގައިވެސް މިނިވަންކުރަން ޖެހިފައިވުމުގެ މުހިންމުކަން ހާމަވާ ކަމަށްވެސް ވިދާޅުވި އެވެ.

"މުޅި ދައުލަތް ބޭނުންކޮށްގެން ބިރު ދައްކައި ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް އަދި އަޅުގަނޑުމެން އެންމެން ޖަލަށްލީނަމަވެސް ޑިމޮކްރަޓިކް ރާއްޖެއެއް ބިނާކޮށް ރައްޔިތުންނަށް އަސާސީހައްގުތައް އަނެއްކާވެސް ކަށަވަރުކޮށްދޭން ކުރާންޖެހޭ މަސައްކަތް ކުރުމުގައި ރައްޔިތުން ފަހަތަކަށް ނުޖެއްސޭނެ،" ފައްޔާޒު ވިދާޅުވި އެވެ.