Last Updated: July 4, 09:23
Saturday, July 4, 2026
ޚަބަރު

ރާއްޖޭގެ ނަމާއި ޝަރަފު ދަމަހައްޓަން އެދިވަޑައިގެންފި

ބޭރު ޤައުމުތަކުގައި ރާއްޖެ ތަމްސީލު ކުރައްވާއިރު، ޤައުމުގެ ރިވެތި ނަމާއި ޝަރަފު ދެމެހެއްޓެވުމަށް، ރާއްޖޭގެ ޤައުމީ ސީނިއާ ވޮލީބޯޅަ ޓީމުގެ ކުޅުންތެރިންގެ ފަރާތުން ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފި އެވެ.

ގައުމީ ސީނިއާ ވޮލީބޯޅަ ޓީމު އިޢުލާނުކުރުމަށް ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ޤައުމީ ޓީމަށް ހިތްވަރު ދެއްވައި ކާމިޔާބީއަށް އެދިވަޑައިގެން ވިދާޅުވީ، ދިވެހި ޤައުމީ ޓީމުތަކުން ކުޅިވަރުގައި ހޯއްދަވާ ކާމިޔާބީއަށް ދިވެހި ރައްޔިތުން ފަޚުވެރިވާ ކަމަށެވެ. އަދި ވޮލީބޯޅަ ޓީމުވެސް މުބާރާތުގެ ތަށި ހޯދުމުގެ އުއްމީދުގައި ކުޅުމަށް އެދިވަޑައިގެންނެވި އެވެ.

ވޮލީ އަކީ، ރާއްޖޭގައި މިހާރު ކާމިޔާބާއި ކުރިއެރުން ހޯދަމުން އަންނަ ކުޅިވަރެއްކަން ފާހަގަކުރައްވައި، ސަރުކާރުން ރާއްޖޭގައި ވޮލީ ކުރިއެރުވުމަށް މަސައްކަތް ކުރައްވާކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް މިދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މިއަދު އިޢުލާނުކުރި ރާއްޖޭގެ ޤައުމީ ސީނިއާ ވޮލީބޯޅަ ޓީމަކީ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން، ކާވާ މެންސް ކަޕް 2025 ގައި، ރާއްޖެ ތަމްސިލުކުރާ ޓީމެވެ. ޖުމުލަ ހަ ޤައުމަކުން ބައިވެރިވާ މި މުބާރާތް ކުރިއަށް ދާނީ ބަންގްދަލޭޝްގެ ވެރިރަށް ޑާކާ ގައި، މި މަހުގެ 22 އިން 28 އަށެވެ. މި މުބާރުގެ ތަމްރީނަށް ޓީމު މިއަދު ތައިލޭންޑަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީން ކުރިއަށް ދާނީ މި މަހުގެ 10 އިން 17 އަށެވެ.