މިދިޔަ އޮގަސްޓްގައި ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ވޯ 2" މިއަދު ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.
ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ މި ފިލްމަކީ އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސް އަށް ނިސްބަތްވާ ރިތިކް ރޯޝަންގެ "ވޯ" ގެ ދެވަނަ ބައެވެ. އަޔާން މުކަރްޖީ ޑައިރެކްޓްކުރި ފިލްމުގެ ބަތަލާ އަކީ ކިއާރާ އަދުވާނީ އެވެ. އަދި "ވޯ 2" ގެ ކާސްޓްގައި މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާ ވެސް ހިމެނެ އެވެ.
މި ފިލްމު މިއަދު ނެޓްފްލިކްސް އިން ޕްރީމިއާކުރި އިރު، ސިނަމާތަކުގައ ފިލްމު އަޅުވައިގެން ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ. އެގޮތުން "ވޯ 2" އަކީ އެއަށް ހޭދަކުރި ބަޖެޓް ވެސް ފޫނުބެއްދޭ ފިލްމެކެވެ. މި ފިލްމަށް ވައިއާރްއެފުން 400 ކްރޯޑް ރުޕީސް (45 މިލިއަން ޑޮލަރު) ހޭދަކުރި އިރު، ބޮކްސް އޮފީހުގައި ފިލްމަށް ލިބުނީ 351 ކްރޯޑް ރުޕީސް (40 މިލިއަން ޑޮލަރު) އެވެ.
ނަމަވެސް 2019 ގައި ރިލީޒްކުރި "ވޯ" އަކީ ވަރަށް ކާމިޔާބު ފިލްމެކެވެ. އެ ފިލްމު ޑައިރެކްޓްކުރީ ސްޕައި ޔުނިވާސް އަށް 2023 ގައި ޝާހްރުކް ޚާނާ އެކު "ޕަތާން" ގެނެސްދިން ސިދާތު އާނަންދެވެ.