ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގެ ދަށުން 15 ފަރާތަކަށް ލޯނު ލިބޭ ކަމުގެ ލިޔުން މިއަދު ހަވާލުކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ލޯނު ލިބޭ ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް އެވެ.
ހިޔާވަހި ސްކީމަކީ ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ފަސް ޕަސެންޓުގެ އިންޓުރެސްޓު ރޭޓުގައި 25 އަހަރުން އަނބުރާ ދެއްކޭ ގޮތަށް ލޯނު ދޫކުރާ ސްކީމެކެވެ. އެ ސްކީމުގެ ދަށުން ލޯނު ދޫކުރާނީ ކޮންމެ މީހަކު ވެސް ފުރަތަމަ އިމާރާތް ކުރާ ގެއަށެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 23 އެޕްލިކޭޝަނެއް އެޕްރޫވްކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން 15 ފަރާތަކާ ލިޔުން މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ.
"ހިޔާވެހި" ފައިނޭންސިންގެ ތެރެއިން މުޅިން އަލަށް ގެއެއް އިމާރާތް ކުރަން އަދި އިމާރާތްކުރަން ފަށާފައި ހުރި ގެއެއް ނިންމަން ވެސް ލޯނު ލިބޭނެ އެވެ.
އެ ސްކީމުން ރަށްވެހި ކެޓަގަރީން އެދި ހުށަހަޅާ ފަރާތްތަކަށް އެއް މިލިއަން ރުފިޔާ، ސަހަރުތަކުން ހުށަހަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ އަދި ފުރަމާލެއިން އެދި ހުށަހަޅާ ފަރާތްތަކަށް 6 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެ އެވެ.
"ހިޔާވަހި" ފައިނޭންސިން ސްކީމްގެ ޕާޓްނަރުންނަކީ ބޭންކް އޯފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އިތުރުން ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އެވެ.