އައްޑޫ މަރަދޫގައި ސަރުކާރުން އިމާރާތްކުރާ 500 މީހުންގެ ޖާގައިގެ އާ މިސްކިތް އަންނަ ރޯދަ އަށް ހުޅުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން މިދިޔަ މަހު ބުނެފައިވާ ގޮތުގައި އެ މިސްކިތުގެ ހުރިހާ މަސައްކަތްތައް ނިންމައިލެވޭނެ ކަމަށް ލަފާކޮށްފައި އޮތީ އަންނަ ޑިސެންބަރު މަހުގެ ތެރޭގަ އެވެ.
މަރަދޫ ބަނދަރުގައި ހުރި މިސްކިތުގެ ބިންގާ އެޅީ މާޗް 10، 2022 ގަ އެވެ.
މިސްކިތުގެ ކޮންޓްރެކްޓަރަކީ ހިތަދޫ ކުންފުންޏެއް ކަމަށްވާ ބީއޭޕީސީ އެވެ. އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކުރީ މަސައްކަތް ފަށާތާ 320 ދުވަސްތެރޭގައި ނިންމާ ގޮތަށް 12.7 މިލިއަން ރުފިޔާއަށެވެ.

ނަމަވެސް އެ މަސައްކަތް ދިގުލައިގެން ގޮސްފައިވާ އިރު، މިނިސްޓްރީން ބުނެފައި ވަނީ އަންނަ ރޯދަ މަހުގެ ތެރޭގައި މިސްކިތް ބޭނުން ކުރަން ފަށާނެ ކަމަށެވެ.
މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވީ މާލެ ސަރަހައްދާއި އަތޮޅުތަކުގެ މިސްކިތްތަކުގެ 15 މަޝްރޫއެއް ނިމި އަންނަ އަންނަ ރަމަޟާން މަހުގައި ބޭނުން ކުރަން ފެށޭނެ ކަމަށެވެ. އަދު އޭ ތެރެއިން ބައެެއް ތަންތަން މިހާރު ވެސް ހުރީ ނިމި، ރަސްމީކޮށް ހުޅުވަންވެފައި ކަމަށް ވިދާޅުވި އެވެ.