Last Updated: June 6, 06:06
Saturday, June 6, 2026
ރިޕޯޓް

ފަތިސް ނަމާދާއި އިންސާނާގެ ބާއްޖަވެރިކަން!

الحمد لله وصلى الله على نبيِّنا محمدٍ وعلى آله وصحبه وبعد:

އެއީ ކާމިޔާބު ލިބިގެންވާ ބައެކެވެ. އެއީ މޫނުތައް އަލިވެގެންވާ ބައެކެވެ. އެ މީހުންގެ ނިތްކުރިތަކުގެ ވިދުން ގަދަ ވެގެންވާ ބައެކެވެ. އެއީ އެމީހުންގެ ވަގުތު ތަކުގައި ބަރަކާތް ލެއްވިގެންވާ ބައެކެވެ. ތިބާ އަކީ އެމީހުންގެ ތެރެއިންވާ މީހެއް ނަމަ، އެ މަތިވެރި ނިޢުމަތަށް، ﷲއަށް ޙަމްދު ކުރާށެވެ. އަދި ތިބާ އަކީ އެ މީހުންގެ ތެރެއިންވާ މީހެއް ނޫން ނަމަ، ދުޢާ އަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ ތިބާ އެމީހުންގެ ތެރެއިން ލެއްވުމެވެ. އެއީ ކޮން ބައެއްކަން ތިބާއަށް އެނގޭ ހެއްޔެވެ؟

އެއީ ފަތިސް ނަމާދު ކުރުމުގައި ދެމިތިބޭ މީހުންނެވެ. މި މަތިވެރި ވެގެންވާ ފަރުޟު އަދާކުރުމުގައި ދެމިތިބޭ މީހުންނެވެ. އެއީ މި މަތިވެރިވެގެންވާ އިސްލާމީ ޝަރީޢަތުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބޭ މީހުންނެވެ. އެ މީހުން ކޮންމެ އާދުވަހެއް ފަށައިގަންނަނީ މި މަތިވެރި ޢަމަލުންނެވެ. މިމަތިވެރި ނަމާދު އަދާ ކުރުމުގައި ދެމިތިބޭމީހުންނަށް ﷲ ގެ ހަޟުރަތުގައި، މަލާއިކަތުން ހެކިވެވަޑައިގަންނަވަ އެވެ. އަދި ޖަމާޢަތުގައި މިމަތިވެރި އަޅުކަން އަދާކޮށްފި މީހާ، މުޅި ރޭގަނޑު އެއްކޮށް ނަމާދުކުރި ފަދަ އެވެ.

މި މަތިވެރި ނަމާދަށް ރައްކާތެރިވުމަކީ ސުވަރުގެ ވަނުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. މި ނަމާދަށް ވުޟޫ ކުރުމަކީ އެހާމެ މަތިވެރި ކަމެކެވެ. އަދި މިއަޅުކަން އަދާކުރުމަށް ހިނގާފައި ދިއުމަކީ ނުހަނު ޘަވާބު ހުރިކަމެކެވެ. މި ނަމާދުގެ ފަހުގައިވާ ވަގުތަކީ ބަރަކާތް ބާވައިލައްވާ ވަގުތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

“اللهمَّ بَارِكْ لأُمَّتي في بُكُوْرِها” (أخرجه أحمد وأبو داوود والترمذي وابن ماجه)

މާނައީ: “އޭ ﷲ! ތިމަންކަލޭގެފާނުގެ އުއްމަތަށް އެއުއްމަތުގެ ހެނދުނުގައި ބަރަކާތް ލައްވާދޭނވެ.”

އެއީ މިވަޤުތުގެ ބަރަކާތުގެ އަހުލުވެރިންނެވެ. އަދި އެމީހުންނަކީ حيَّ على الصلاة، حيَّ على الفلاح އަށް އިޖާބަދޭ މީހުންނެވެ. އެމީހުންނަށް އަމާންކަމާއި ސަލާމަތްކަން ހުއްޓެވެ. އެމީހުންނަކީ ފުރިހަމަގޮތުގައި އަޅުވެތިވުމުގެ މާނަ އެނގޭ،الصَّلاةُ خَيْرٌ مِن النَّومِ އަށް ފުރިހަމަ ގޮތުގައި އިޖާބަދޭ މީހުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

“بَشِّرِ المشَّائينَ في الظُّلَمِ إلى المسَاجدِ بِالنُّورِ التَّامِ يَوْمَ القِيامَةِ” (أخرجه الترمذي وأبو داوود)

މާނައީ: “މިސްކިތްތަކަށް އަނދިރީގައި ހިނގާފައިދާ މީހުންނަށް، ޤިޔާމަތްދުވަހުގައި ފުރިހަމަ ނޫރެއް ވާކަމުގެ އުފާވެރި ޚަބަރުދޭށެވެ.”

ސުވަރުގޭގައި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޖުހުފުޅު ފެންނާނޭ މީހުންނަށް އެދުވަހުން އެލިބޭ ނަސީބަށްވުރެ ބޮޑު ނަސީބެއް އެއްވެސް އިންސާނަކަށް ދުވަހަކުވެސް ނުލިބޭނެއެވެ. އެދުވަހުން އެ ނަސީބު ލިބިއްޖެ މީހަކަށް އިމެއްނެތް އުފާވެރިކަން ހުއްޓެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

“إنَّكُمْ سَتَرَوْنَ ربَّكُم كمَا تَرَونَ هذا القَمَرَ لا تُضامونَ في رؤيتِه، فَإِنْ اسْتَطَعْتُم الّا تُغلبوا عَلَى صلاةٍ قبلَ طلوعِ الشَّمسِ وقبلَ غروبِها فافعلُوا ثمَّ قرأَ: (وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ) (ق: ٣٩)” (أخرجه مسلم)

މާނައީ: “މިހަނދު (ސާދަ ވިލޭރޭގެ ހަނދު) ފެންނަ ފަދައިން (ޤިޔާމަތް ދުވަހުގައި) ތިޔަބައިމީހުން ތިޔަބައިމީހުންގެ ވެރި ރައްބު ދެކޭނެތެވެ. އެއިލާހަށް ބެލުމުގައި ތިޔަބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. ފަހެ އިރު އެރުމުގެ ކުރިންނާއި އިރު އޮއްސުމުގެކުރިން ނަމާދުކުރުމުގެ މައްޗަށް (އެބަހީ ފަތިސް ނަމާދާއި ޢަޞުރު ނަމާދު އޭގެ ވަޤުތުގައި ކުރުމުގެ މައްޗަށް) ބަލިވެނުގަތުމަށް ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ވާނަމަ ފަހެ ތިޔަބައިމީހުން އެކަން ކުރާހުށިކަމެވެ. ދެން އެކަލޭގެފާނު މިއާޔަތް ކިޔަވާ ވިދާޅުވިއެވެ. ‘ކަލޭގެފާނު ކަލޭގެފާނުގެ ވެރި ރައްބަށް، އިރު އެރުމުގެ ކުރިންނާއި އިރު އޮއްސުމުގެ ކުރިން ޙަމްދު ކުރުމާ އެކު ތަސްބީޙަ ކިޔާހުށިކަމެވެ.”

މިތާނގައި، ބަލިވެނުގަނެ ކުޅަދާނަ ވެގެންވާނަމައޭ ޙަދީޘް ކުރެއްވުމުގެ މުރާދަކީ އެހެން ނަމާދުތައްވެސް އަދާކުރުމާއެކު، އެދެނަމާދަށް އިތުރަށް ރައްކާތެރިވުމެވެ. އެހެނީ ނަމާދުކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހަކު އަޅުގަނޑުމެންގެ ތެރޭގައި ނުވެ އެވެ.

އެމީހުންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރައްކާތެރިކަމުގައި ތިބޭމީހުންނެވެ. ކަންނެތްކަމުން ހަށިގަނޑު ސަލާމަތް ވެގެންވާ މީހުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެ އެވެ.

“مَنْ صلَّى الصُّبْحَ فَهُوَ في ذِمَّةِ الله” (أخرجه مسلم)

“ފަތިސް ނަމާދު (ޖަމާޢަތުގައި) ކޮށްފިމީހާ ދަންނައެވެ. ފަހެ އޭނާ ވާހުށީ ﷲގެ ބެއްލެވުމުގެ ދަށުގައެވެ.”

އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ.

“ތިޔަބައިމީހުން ކުރެ މީހަކު ނިދާހިނދު އޭނާގެ ކަނދުރާގައި ޝައިޠާނާ ތިން ގޮށްޖަހައެވެ. (ދެން އޭނާ ބުނާނެއެވެ.) ތިބާގެ މައްޗަށް ދިގު ރެއެއް ވެއެވެ. ފަހެ ނިދާށެވެ. ފަހެ އޭނާ ހޭލައި ﷲއަށް ޛިކުރު ކޮއްފިނަމަ (އެބަހީ ނިދިން ހޭލާ ކިޔަން ވާރިދުވެފައިވާ ދުޢާ ކިޔައިފިނަމަ) އެއް ގޮށް މޮހިގެންދެއެވެ. ދެން އޭނާ ވުޟޫ ކޮށްފިނަމަ އަނެއް ގޮށް މޮހިގެން ދެއެވެ. ދެން އޭނާ ނަމާދު ކޮށްފިނަމަ ތިންވަނަ ގޮށް މޮހިގެން ދެއެވެ. ފަހެ އޭނާ ހެނދުނުކުރާހުށީ މުރާލި ހީވާގި މީހެއްގެ ގޮތުގައެވެ. އެހެން ނޫނީ އޭނާ ހެނދުނުކުރާހުށީ ހިތް ނުތަނަވަސް ކަންނެތް މީހެއްގެ ގޮތުގައެވެ.”

ރަޙްމާނުވަންތަ އިލާހުގެ މަލާއިކަތުން އެމީހުންނަށް ހެކިވުން އެމީހުންނަށް ފުދިގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

“يَتَعَاقَبُوْنَ فِيْكُمْ مَلائِكَةٌ بِالنَّهَارِ، وَيَجْتَمِعُوْنَ فِيْ صَلاةِ الفَجْرِ وَصَلاةِ العَصْرِ، ثُمَّ يَعْرُجُ الذِيْنَ باتُوا فِيْكُمْ فَيَسْأَلُهُمْ رَبُّهُمْ- وَهُوَ أَعْلَمُ بِهِمْ- كَيْفَ تَرَكْتُمْ عِبادِي؟ فَيَقُوْلُونَ: تَرَكْناهُمْ يُصَلُّونَ، وأتينَاهُم وهُم يُصلُّون “ (متفق عليه)

“ތިޔަބައިމީހުންގެ ތެރޭގައި މަލާއިކަތުން ރޭގަނޑާއި ދުވާލު ޑިއުޓީ ކުރައްވައެވެ. ފަތިސް ނަމާދުގެ ވަގުތުގައާއި ޢަޞުރު ނަމާދުގެ ވަގުތުގައި އެބޭކަލުން ޖަމާވެވަޑައިގަންނަވައެވެ. ދެން ތިޔަބައިމީހުންގެ ތެރޭގައި ރޭގަނޑު ހޭދަކުރެއްވި މަލާއިކަތުން، މައްޗަށް އަރާވަޑައިގަންނަވަތެވެ. ފަހެ އެބޭކަލުންގެ ވެރި ރައްބު، ދެނެވޮޑިގެންވާ ޙާލު، އެބޭކަލުންނާ ސުވާލުކުރައްވަތެވެ. ތިމަން ﷲގެ އަޅުތަކުން ތިޔަބޭކަލުން ދޫކޮށްލެއްވީ ކޮން ޙާލަތެއްގައި ހެއްޔެވެ؟ ފަހެ އެބޭކަލުން ދަންނަވަތެވެ. ތިމަންބޭކަލުން އެއުރެން ދޫކޮށްލެއްވީ އެއުރެން ނަމާދުކުރާ ޙާލުގައެވެ. އަދި އެއުރެންގެ ގާތަށް ތިމަންބޭކަލުން ވަޑައިގެންނެވީ ވެސް އެއުރެން ނަމާދުކުރާ ޙާލުގައެވެ.”

އެ މީހުންނަކީ ފަރުޟު ފަސް ނަމާދުގެ ޖަމާޢަތަށް ފުރިހަމައަށް ރައްކާތެރިވާ މީހުންނެވެ. އެމީހުން ކުރާ ވުޟޫއަކީ އެމީހުންގެ ދަރަޖަ އުފުލުމުގެ ސަބަބެކެވެ. އަދި ނަމާދަށް ހިނގާފައިދާ ދިއުމަކީ ކުރެވޭ ނުހަނު ގިނަ ދަރުމައެކުލެވިގެންވާ ހެޔޮކަމެކެވެ. އަދި މިސްކިތުގައި އިށީނދެގެން އިންނަ އިނުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތް ލިބޭނެ ކަމެކެވެ.

“مَنْ غَدَا إِلى المسْجِدِ أوْ رَاحَ أَعَدَّ الله لَهُ فِيْ الجنَّةِ نُزُلاً كُلَّما غَدَا أَوْ رَاحَ” (متفق عليه)

“މިސްކިތަށް ގޮސްފައި އަންނަ މީހާއަށް ﷲ، ސުވަރުގޭގައި މެހުމާންދާރީއެއް ތައްޔާރު ކޮށްދެއްވާނެތެވެ. އެއީ އޭނަ ގޮސްފައި އަންނަ ކޮންމެ ފަހަރަކު އެވެ.”

ފަތިސް ނަމާދަށް ރައްކާތެރިވާ މީހުންނަށް ސަލާމަތްކަން ހުއްޓެވެ. ރޭގަނޑު ހަތަރުދަމު ހޭލާތިބެ މަޖާނެގުމުން ދުރުހެލިވެ، މިމަތިވެރި އަޖުރު އެމީހުން ޙާޞިލު ކޮށްފިއެވެ. އެމީހުން، ނަމާދަށް ތެދުވުމަށްޓަކައި އެމީހުންގެ ގަޑިތައް ތައްޔާރުކުރާތަން ފެންނާނެއެވެ. އަދި ވުޟޫކޮށް، ނިދުމުގެކުރިން ކިޔަން ވާރިދުވެފައިވާ ޛިކުރު ކިޔާތަން ފެންނާނެއެވެ. އަދި ހޭނުލެވޭނެހެން ހީވެއްޖެނަމަ، ނަމާދަށް ހޭލެއްވުމަށް އެހެންމީހެއްގެ ކައިރިން އެދެއެވެ.

އެ މީހުންގެ ހިތްތައް ވަނީ އީމާންކަމުން ފުރިގެންނެވެ. އެއްވެސް ސަބަބަކާއިހުރެ ނިދުން ލަސްވެގެން ނަމާދަށް ހޭލެވުން ލަސްވެއްޖެނަމަ، ހޭލެވުމުން އަވަހަށް ފުންމައިގެން ތެދުވެ ނަމާދަށް އަވަސްވެގަނެއެވެ. އެމީހުންނަކީ މިމަތިވެރި އަޅުކަމުގައި ދެމިތިބޭ މީހުންނެވެ. އެމީހުންނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ، މި މަތިވެރި ޢަމަލު ކުރުމުގެ ސަބަބުން ކާމިޔާބު ލިބިގެންވާ މީހުންނެވެ. އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. އަހަރެން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލުކުރީމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑުވެގެންވާ ޢަމަލަކީ ކޮބައި ހެއްޔެވެ؟ އެހިނދު އެކަލޭގެފާނު ޙަދީޡްކުރެއްވިއެވެ.

“الصَّلاةُ على وَقْتِها…” (متفق عليه) “ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ.”

ނަމާދުތަކަށް ފަރުވާކުޑަކޮށް އެނަމާދުތައް އޭގެވަގުތުން ފަސްކުރާ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އެމީހުންނަށް އެކުރެވޭ ފާފައިގެ ބޮޑުކަން އެމީހުންނަށް ވިސްނޭނެނަމައެވެ. އެމީހުންނަށް ގެއްލިގެން ދިޔައީ ކިހާބޮޑު ނިޢުމަތެއް ހެއްޔެވެ؟ ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. فَوَيْلٌ لِلْمُصَلِّينَ * الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ ( الماعون: ٤ – ٥) “ފަހެ އެބައިމީހުންގެ ނަމާދާ މެދު ޣާފިލުވެތިބެގެން ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ.”

އަދިވެސް ވަޙީކުރައްވާފައިވެއެވެ. فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلَاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيًّا (مريم: ٥٩) “އެއުރެންނަށް ފަހު (އިސްވެ ދިޔަ ހެޔޮލަފާ މީހުންނަށް ފަހު) ނުބައި ބަޔަކު އައެވެ. އެބައި މީހުން ނަމާދު ނަގައިލިއެވެ. އަދި އަމިއްލަ އެދުމަށް ތަބާވިއެވެ. ފަހެ ގަދަފަދަވެގެންވާ ޢަޛާބާ ފަހުން އެމީހުން ބައްދަލުކުރާނެތެވެ.”

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. “أوَّلُ مَا يُحاسَبُ بِهِ العَبْدُ يَوْمَ القِيامَةِ الصلاة، فَإِنْ صَلحَتْ صَلحَ سَائِر عَمَله، وَإِنْ فَسَدَتْ فَسَدَ سَائِرُ عَمَله” (أخرجه الطبراني) “ޤިޔާމަތް ދުވަހު އެކަމަކުން އަޅާގެ ޙިސާބުބެއްލެވޭނެ އެންމެ ފުރަތަމަ ޢަމަލަކީ ނަމާދެވެ. ފަހެ ނަމާދު ރަގަޅުވެއްޖެނަމަ އޭނާގެ ހުރިހާޢަމަލެއް ރަގަޅުވާހުއްޓެވެ. އަދި ނަމާދު ފާސިދުވެއްޖެނަމަ އޭނާގެ ހުރިހާ ޢަމަލެއް ފާސިދުވާހުއްޓެވެ.”

އޭ ޖަމާޢަތުގައި ނަމާދުކުރުމަށް ރައްކާތެރި ނުވާމީހާއެވެ! ޚާއްޞަކޮށް ފަތިސް ނަމާދުކުރުމަށް ފަރުވާކުޑަކުރާ މީހާއެވެ! ތިބާ ހިނގާނެ މަގެއް ކަމުގައި ޝައިޠާނާގެ މަގު ޚިޔާރު ކުރީ ކީއްވެގެން ހެއްޔެވެ؟ ތިބާގެ ކަންފަތަށް، ޝައިޠާނާ ހީސްލުމަށް ރުހެނީ ކީއްވެގެން ހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި، އިރު އަރަންދެން ނިދާފައި އޮތް މީހެއްގެ ވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވިއެވެ.

“ذَاكَ رَجُلٌ بالَ الشَّيْطانُ في أُذُنَيْهِ” (متفق عليه) “އެއީ ޝައިޠާނާ އެމީހެއްގެ ކަންފަތަށް ކުޑަގިފިލި ކޮއްފައިވާ މީހެކެވެ.”

އޭ އަޚާއެވެ! އަމިއްލަ ނަފްސާމެދު ވިސްނާލަބަލާށެވެ! އެންމެ ފަހުން ޖަމާޢަތުގައި ފަތިސްނަމާދު ކުރީ ކޮންދުވަހަކު ކަން ހަނދާން އެބަހުރިތޯއެވެ؟ ފަތިސްނަމާދު ޖަމާޢަތުގައި ނުކޮށް، އޭގެ ގިނަ ހަކަތައިން މަޙްރޫމްވެގެން އަހަރެމެން ދާން ބޭނުންމިވާ މަންޒިލާ ހަމައަށް ވާޞިލްވެވޭނެ ހެއްޔެވެ؟
ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވާށެވެ. ތައުބާވުމަށް އަވަސްވެގަންނާށެވެ. އޭރުން ކުރެވިފައި ހުރި ފާފަތައް ފުހެވޭނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ތިޔަ އަޚާއަށް ދެއްވާފައިވާ ނިޢުމަތްތަކުގެ މަތިން ހަނދާން ނައްތާނުލާށެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަދަދަށް އެދި އަބަދުވެސް ދަންނަވާށެވެ. ފަތިސް ނަމާދަށް ހޭނުލެވުމުގެ އެންމެބޮޑު ސަބަބުކަމުގައިވާ، ރޭގަނޑު ލަސްވަންދެން ހޭލާހުރުމުން ދުރުހެލިވާށެވެ.

ތިރީގައި މިދަންނަވާ ކަންތައްތައް ކުރުމުން ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިރާދަފުޅުން ފަތިސް ނަމާދަށް ހޭލުން ފަސޭހަ ކަމަކަށް ވާނެ އެވެ.

* ނިދުމުގެ ކުރިން ވުޟޫކޮށް އަދި ނިދުމުގެ ކުރިން ކިޔުމަށް ވާރިދުވެފައިވާ ދުޢާތަށް ކިޔުން
* ނަމާދަށް ހޭލެއްވުމަށް މީހެއްގެ ކައިރީގައި ބުނުން
* އެލާމް ގަޑިޔެއް ބެހެއްޓުން
* ހޭލެވުމުން އެންމެ ފުރަތަމަ ކަމަކަށްﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޛިކުރު ކުރުން
* ދެވަނަ ފަހަރަށް ނިންދެވުމަށް ޝައިޠާނާ އަށް ފުރުޞަތު ނުދީ، ހޭލެވުމުން އަވަހަށް އެނދުން ތެދުވުން
* ﷲސުބުޙާނަހޫ ވަތަޢާލާ ޙަރާމް ކުރައްވަފައިވާ ކަންތައްތަކުން، ޚާއްޞަކޮށް ޙަރާމްތަންތަނަށް ބެލުމުން ދުރުހެލިވުން. އެހެނީ ޙަރާމް ކަންތައްތައް ކުރުމަކީ ހެޔޮ ޢަމަލުތަކުން މަޙްރޫމުވާ ކަމެއް
* ހެޔޮ ޢަމަލުތައް ކުރުމުގައި އެކަކުއަނެކަކަށް ވާދަކުރާ މީހުންނަށް ދެއްވާނެ ކަމަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޢުދުވެވޮޑިގެންފައިވާ މަތިވެރި ދަރަޖައިގެ މަތިން ހަނދާން ކުރުން
* ފަތިސް ނަމާދަށް ހޭލުމަށް އާދަކުރުން

ރަސޫލﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެ އެވެ.

“ثَلاثَةٌ كلُّهُمْ ضامِنٌ على اللهِ إِنْ عاشَ رُزِقَ وكُفِيَ، وَإِنْ ماتَ أَدْخَلَهُ اللهُ الجنَّةَ، وَمِنْهُمْ: مَنْ خَرَجَ إلى المسْجِدِ فَهُوَ ضامِنٌ عَلى الله” (أخرحه أبو داوود وابن حبان)

“ﷲ އެބަޔަކާއި ޖާމިނުވެ ވޮޑިގެންވާ ތިންބަޔަކު ވެއެވެ. އެބައިމީހުން ދިރިތިބެއް ޖެނަ މަ ރިޒުޤު ދެއްވާ ހުއްޓެވެ. އަދި ފުދޭ ހުއްޓެވެ. އަދި އެމީހުން މަރުވެއްޖެ ނަމަ ﷲ އެބައިމީހުން ސުވަރުގެ ވައްދަވާހުއްޓެވެ. އެބައި މީހުން ގެތެރޭގައި މިސްކިތަށް ދިއުމަށްޓަކައި (ގެއިން) ނިކުންނަ މީހާ ހިމެނިގެންވެ އެވެ. ފަހެ އޭނާއާއި ﷲ ޖާމިނުވެ ވޮޑިގެންވެއެވެ.”

ދުޢާ އަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވަވާ އެ އިލާހުގެ ސުވަރުގެ ވެއްދެވުމެވެ.

وصلَّى الله على نبيِّنا محمَّدٍ وعلى آله وصحبه.

ނޯޓް: މިއީ ޝައިހް އަޙްމަދު ނާޒިޙްގެ ލިޔުއްވުމެކެވެ.