ރާއްޖެއަށް ވަގަށް އެތެރެކުރުމުން ހިފެހެއްޓި 13.6 މިލިއަން ސިނގިރޭޓު ގެއްލުނު މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފި އެވެ.
ފުލުހުން ބުނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ހިފަހައްޓާފައިވާ ދެ ކޮންޓެއިނަރެއްގައި ހުރި ދުންފަތުގެ ބާވަތެއް އެމްޕީއެލްގެ ހުޅުމާލެ ޓާމިނަލްއިން ގެއްލިފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެމްޕީއެލްގެ ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކުން ވެސް އެތެރޭގެ ތަހުގީގެއް ކުރިއަށްގެންދާ ކަމަށާއި ތަހުގީގު ނިމުމުން، ތަހުގީގު ރިޕޯޓާއި އެއްގޮތަށް އެމްޕީއެލް އިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ތަންފީޒުކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
ގެއްލިފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ސިނގިރޭޓު ކޭސްތައް ފެނުނީ ޕްލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގަ އެވެ.