މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް މިފްކޯގެ ޑިރެކްޓަރުންގެ ބޯޑަށް މަސްވެރިއަކު މިއަދު އައްޔަންކޮށްފި އެވެ.
މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް، މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް އައްޔަންކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު ބުނިގޮތުގައި މަސްވެރިންގެ ތެރެއިން މިފްކޯގެ ބޯޑަށް އައްޔަންކުރީ ރީޝަމް މުހައްމަދު ޝަރީފް، ރިހިވެލި، ގދ.ތިނަދޫ އެވެ.
މިފްކޯގެ ބޯޑަށް މަސްވެރިންގެ ފަރާތުން ޑިރެކްޓަރަކު އައްޔަނުކޮށްފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން އާންމުކޮށް ޢިއުލާނުކޮށް ހުޅުވާލައި އެކަމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ މައްޗަށް ރިޔާއަތްކޮށެވެ.