Last Updated: July 4, 06:51
Saturday, July 4, 2026
ޚަބަރު

އަމީރު ވެސް އޭސީސީ އަށް ހާޒިރުކުރަނީ

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު - ފޮޓޯ: އެމްޑީޕީ

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހާޒިރުވާން އަންގައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ އޭސީސީގެ ތަހުގީގަކަށް ބުނެ އަންނަ އާދީއްތަ ދުވަހުގެ މެންދުރު 2:30 އަށް އޭސީސީ އަށް ހާޒިރުވުމަށް އަންގާފައި އެބައޮތް ކަމަށެވެ.

ފިނޭންސް މިނިސްޓަރު ކަމުގައި މަސައްކަތްކޮށްފައި ވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށާއި ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

"ވަޒީރުކަމުގައި ކޮންމެ ކަމެއް ވެސް ނިންމާފައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް. އެ ޔަގީންކަން ނަފްސާއި މެދު އެބައޮތް،" އަމީރު ވިދާޅުވި އެވެ.

އަމީރު ވަނީ އޭސީސީގެ ރައީސް އާއި މެމްބަރުން ވަޒީފާގެ ދިފާއުގައި ބޭއިންސާފުން މީހުން ފްރޭމްކުރަން ކުރާ މަސައްކަތް ހުއްޓާލަން ގޮވާލާފަ އެވެ. އަދި އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި އޭސީސީ އަދި ޕޮލިހަށް ގެންގޮސް، ބިރު ދައްކަން އުޅުނަސް އެއްވެސް ބިރެއް ނުގަންނާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޯ ގުދުކުރާނީ ހަމައެކަނީ އާލަމްތަކުގެ ވެރި މާތްﷲ އަށް. މުއިއްޒު ކަހަލަ ޚުދުމުހްތާރު ވެރިޔަކަށް ބޯނުލަބާނަން. ކުރާނެ ކަމެއް ކުރަންވީ،" އަމީރު ވިދާޅުވި އެވެ.

އަމީރު އޭސީސީއަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވި އިރު، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް އޭސީސީއަށް ހާޒިރުވުމަށް އަންގައި ވަނީ ޗިޓު ފޮނުވައިފަ އެވެ.