އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރުކުރަނީ މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން މާލޭގައި ބޭއްވި ބޮޑު އެއްވުން ސަރުކާރަށް ހަޖަމް ނުކުރެވުމުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އޭސީސީ އަށް ހާޒިރުވާން ވަނީ އަންގައިފަ އެވެ. އެ ދެ ބޭފުޅުން އޭސީސީއަށް ހާޒިރުކުރަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގަ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ އޭސީސީގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްސަލަތައް ހިމެނޭހެން ބައިވަރު މައްސަލަތަކެއް އެބަހުރި ކަމަށާއި ނަމަވެސް ވަކި މީހަކަށް ވަކި ގޮތެއް ހެދުން ނުވަތަ "ސެލެކްޓިވް ޖަސްޓިސް" ގެ އުސޫލުން ކަންކަން ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިކަން މިގޮތަށް ކުރަން ފެށީ އެމްޑީޕީން މުޒާހަރާއެއް ބޭއްވުމުން ކަމަށާއި އެފަދަ އުސޫލަކުން ކަންކަން ކުރުން ހުއްޓާލަން ޔާމީން ވަނީ އޭސީސީއަށް ގޮވާލާފަ އެވެ.
"މީގަ މިވެގެން އުޅޭ ގޮތަކީ ހަމަ ހަޖަމް ކުރަން އުނދަގޫވެގެން އުޅެނީ،" ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީން އަންނަ މަހުގެ 17 ގައި ވެސް މާލޭގައި މުޒާހަރާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޔާމީން ވަނީ އެމްޑީޕީގެ ވެރިންނާ ދެކޮޅަށް ކަންތައްތަކެއް ފެށީ ދެން އޮންނަ އެއްވުން އެއަށް ވުރެ ވަރުގަދަވާނެތީ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މިފަދަ ސަކަރާތްތައް ޖެހުން ހުއްޓާލަން ޔާމީން ވަނީ ގޮވާލާފަ އެވެ.