Last Updated: July 4, 06:51
Saturday, July 4, 2026
ޚަބަރު

ޝުއައިބަށް ފުލުހުން ގުޅައިފި، ބަޔާން ނަގަން ތައްޔާރުވަނީ

މިދިޔަ ހުކުރު ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާގައި ބައިވެރިވި މީހުންގެ ގަޔަށް ބަޑި ޖަހަން ޖެހޭ ކަމަށް ބުނެ އިންޒާރު ދިން ޝުއައިބް އަލީގެ ބަޔާން ނަގަން ފުލުހުން ތައްޔާރުވެއްޖެ އެވެ.

އެ މުޒާހަރާ އަށް އިޝާރާތްކޮށް ފޭސްބުކް ޕޭޖެއް ހިންގާ ޝުއައިބު ލިޔެފައި ވަނީ "މުޒާހަރާގެ ބައިވެރިން ހުއްދަ ދިން ގޮތާ ހިލާފުވާ ނަމަ ތަޅައި ތިރިކޮށްލަންވީ، ބަޑި ވެސް ޖަހަންވީ." ކަމަށެވެ.

އެކަމާ ގުޅިގެން ޝުއައިބު ފުލުހަށް ހާޒިރުނުކުރާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން ފުލުހަށް އަމާޒުވިއިރު، ޝުއައިބު މިރޭ ބުނީ ފުލުހުން އޭނާއަށް ގުޅާފައިވާ ކަމަށާއި ފޭސްބުކްގައި ޖެހި ޕޯސްޓަކާ ގުޅިގެން މަޢުލޫމާތު ސާފުކުރަން ބޭނުންވާތީ، ގަލޮޅު ޕޮލިހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.

"އަޅުގަނޑު ރާއްޖެތެރޭގައި އުޅޭތީ، ބަޔާން ނެގުމަށް، އެހެން ގޮތެއް ހަމަޖައްސަމުންދާ ކަމަށް ޚަބަރު ލިބޭ،" ޝުއައިބު ބުންޏެވެ.

ޝުއައިބު ބުނީ ފޭސްބުކްގައި އޭނާ ޖެހި ޕޯސްޓްތަކުގެ އަޞްލާއި، ދޮގުވެރި ފާސިޤުން، އެ ޕޯސްޓްތައް ބަދަލުކޮށްގެން ފެތުރި ގޮތް، ވަރަށް ތަފްޞީލުކޮށް އެނގޭނެ ގޮތަށް، ހުރިހާ މަޢުލޫމާތެއް އެއްކޮށް، ޖަވާބުދާރީވުމަށް ތައްޔާރަށް ހުރި ކަމަށެވެ. އަދި "ކުރުސީ" އާއި އެމްޑީޕީއަށް ނިސްބަތްވާ މީހުން، އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް، ފެތުރި ހުރިހާ ދޮގު ވާހަކަތައް ވެސް، ވަރަށް ތަފްޞީލުކޮށް ހިމަނާފައިވާނެ ކަމަށް ޝުއައިބު ބުންޏެވެ.

ޤާނޫނުގެ މަތީގައި، އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށާއި އެއީ އޭނާ ކަމަށް ވިޔަސް، ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ފިޔަވަޅު އަޅަން ޖެހޭނަމަ، ފިޔަވަޅުވެސް އަޅަން ޖެހޭނެ ކަމަށް ޝުއައިބު ބުންޏެވެ.