Last Updated: July 4, 06:51
Saturday, July 4, 2026
ދުނިޔެ

ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށް އިޒްރޭލު ކެބިނެޓުގެ ރުހުން

ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ސުލްހައިގެ ޕްލޭނުގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން އިޒްރޭލުގެ ކެބިނެޓުން ރުހުން ދީފި އެވެ.

ސުލްހައިގެ ޕްލޭނުގެ ފުރަތަމަ މަރުހަލާއަށް ހަމާސް އާއި އިޒްރޭލުން މިދިޔަ ބުދަ ދުވަހު ވަނީ އެއްބަސްވެފަ އެވެ. އަދި އިއްޔެ އިޒްރޭލުގެ ކެބިނެޓުން މި މަރުހަލާ ތަންފީޒުކުރަން ރުހުން ދީފައިވާއިރު، ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިޒްރޭލުން ގާޒާއަށް ހަމަލާތައް ދިނުން ހުއްޓާލުމަށް ވަނީ ހަމަޖެހިފަ އެވެ.

ހަމަލާތައް ދިނުން ހުއްޓާލުމުގެ އިތުރަށް އިޒްރޭލުން ގާޒާގައި ހިންގަމުންދާ ހުރިހާ އަސްކަރީ އޮޕަރޭޝަނެއް ނިމުމަކަށް ގެންނަންޖެހޭ ކަމަށްވެސް ސުލްހައިގެ ޕްލޭނުގައިވެ އެވެ.

ފުރަތަމަ މަރުހަލާގެ ތެރެއިން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކުރަން ހަމަޖެހިފައިވާއިރު، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ބައެއް މީހުން ވެސް މިނިވަން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ގާޒާގައި ތިބި އިޒްރޭލުގެ ސިފައިން ދެ ފަރާތުން ވެސް އެއްބަސްވާ ހިސާބަކަށް ފަހަތަށް ޖެހުމަށް ވެސް ހަމަޖެހިފައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމަޕް ވަނީ އަސީރުން މިނިވަންކުރުމުގެ ކަންކަން އަންނަ ހޯމަ ނުވަތަ އަންގާރަ ދުވަހުގައި ކުރިއަށްދާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފަ އެވެ.

އިޒްރޭލުގެ ކެބިނެޓުން ސުލްހައިގެ ޕްލޭނާއި މެދު ގޮތެއް ނިންމުމަށް ބައްދަލުވުން ބާއްވަމުންދިޔައިރު ވެސް އިޒްރޭލު ސިފައިން ދިޔައީ ހުއްޓުމެއް ނެތި ގާޒާއަށް ހަމަލާތައް ދެމުންނެވެ.