Last Updated: July 4, 06:51
Saturday, July 4, 2026
ޚަބަރު

ލިބޭ ހުރިހާ ފައިސާއެއް ދަނީ ހިޔާނާތުގެ ތެރެއަށް

ރާއްޖެއަށް ލިބޭ ހުރިހާ ފައިސާއެއް ދަނީ ހިޔާނާތުގެ ތެރެއަށް ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޔޫޓިއުބް ޗެނަލް، "ދެނޯ" އަށް ދެއްވި އިންޓަވިއުއެއްގައި ސިޔާމް ވިދާޅުވީ ރާއްޖެއަކީ ވަރަށް މުއްސަނދި ގައުމެއް ކަމަށާއި އޭޝިއާގެ ބަރަށް ބަލާއިރު ވެސް ރާއްޖެއަކީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބޮލަކަށް ޖެހޭ އާމްދަނީ އެންމެ ގިނައިން ލިބޭ ގައުމު ކަމަށެވެ.

"މި ގައުމަށް ވަރަށް ފައިސާ ލިބޭ، ވަރަށް ގިނަ ފައިސާ ލިބޭ. އެކަމަކު ހުރިހާ ފައިސާއެއް މިދަނީ ހަމަ ހިޔާނާތުގެ ތެރެއަށް،" ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ދައުލަތުން އެތައް ސަތޭކަ ކުންފުންޏެއް ހިންގަމުންދާ ކަމަށާއި ނަމަވެސް އެ ކުންފުނިތަކަށް ފައިދާއެއް ނުނެރެވޭއިރު ކޮންމެ އަހަރަކު އެ ކުންފުނިތަކަށް އެތައް ބިލިއަން ރުފިޔާއެއްގެ ގެއްލުންވަމުންދާ ކަމަށެވެ.

"އެހެންވީމަ ލިބޭ ހުރިހާ ޓެކްސްއެއް އަންދާލަނީ ނޫންތޯ. އަލިފާނަށް ލަނީ ނޫންތޯ، ނޫނީއްޔާ ކަނޑަށް އަޅާލަނީ ނޫންތޯ. އެހެންވީމަ އޭތި ހުއްޓާލަންޖެހޭ. ސަރުކާރުގެ، ދައުލަތުގެ ހުރިހާ ކުންފުނިތަކެއް އެބަޖެހޭ ހުއްޓާލަން،" ސިޔާމް ވިދާޅުވި އެވެ.

އޮޑިޓް އޮފީހުން ދާދިފަހުން ނެރުނު ފެނަކައިގެ އޮޑިޓް ރިޕޯޓަށް އިޝާރާތް ކުރައްވަމުން ސިޔާމް ވިދާޅުވީ އެއީ އެތައް ބިލިއަން ރުފިޔާއެއްގެ ހިޔާނާތެއް ކަމަށެވެ. ނަމަވެސް އެއީ ވަކި ސަރުކާރެއް އޮވެގެންވާ ކަމެއް ނޫން ކަމަށާއި އެއީ ފެށުނީއްސުރެ ވެސް ރާއްޖޭގައި އެކަން އޮންނަ ގޮތް ކަމަށްވެސް ސިޔާމް ވިދާޅުވި އެވެ.