Last Updated: July 4, 06:51
Saturday, July 4, 2026
ޚަބަރު

ބީއެމްއެލް ކޮންމެ ދިވެއްސެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ ކޮންމެ ދިވެއްސެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ގެދޮރު އިމާރާތް ކުރުމަށް ފަސް ޕަސެންޓަށް ވުރެ ކުޑަ އިންޓުރެސްޓު ރޭޓެއްގައި ލޯނު ދޫކުރާ ހިޔާވަހި ފައިނޭންސް ސްކީމުގެ ދަށުން ލޯނު ދޫކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުންނާއި ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލް އަކީ މި ގައުމުގެ ކޮންމެ ރައްޔިތެއްގެ ދިރިއުޅުމާ ގުޅިފައިވާ ބޭންކެއް ކަމަށެވެ.

"ގައުމީ ބޭންކުގެ ހައިސިއްޔަތުން އަޅުގަނޑުމެން ނަގަންޖެހެނީ ވެސް ވަރަށް ބޮޑު ޒިންމާއެއް. އެއީ ރައްޔިތުންނަށް ފައިދާކުރަނިވި މަޝްރޫޢުތަކަށް އެހީތެރިވުމުގެ ޒިންމާ. ބޭންކުގެ ކުރިއެރުމަކީ ގައުމުގެ ކުރިއެރުމާ ވަކިން އޮތް ކަމެއް ނޫން،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ހަގީގީ މަންޒަރަކީ ބީއެމްއެލްގެ ދުޅަހެޔޮކަމާއި ކުރިއެރުން ގުޅިފައިވަނީ ދިވެހި އިގްތިސާދާކަން ކަމަށެވެ. އެހެންކަމުން ހިޔާވެހި ފައިނޭންސިން ސްކީމް ތައާރަފުކުރުމާއެކު، މިއީ ގައުމީ ބޭންކުން އެހީތެރިވާންޖެހޭ ކަމެއްކަމަށް ބޭންކުން ނިންމި ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ އަބަދުވެސް މުހިންމު ގައުމީ މަޝްރޫޢުތަކުގައި ހަރަކާތްތެރިވާ ބޭންކެއް." ޝަރީފް ވިދާޅުވި އެވެ.

ބީއެމްއެލުން ބުނި ގޮތުގައި، އެ ބޭންކުން މިހާރު ވެސް އަންނަނީ މި ސްކީމްގެ ދަށުން ފައިނޭންސިން އަށް އެދުނު 1،400 އަށް ވުރެ ގިނަ އެޕްލިކޭޝަންތައް ބަލައި، ޕްރޮސެސް ކުރަމުންނެވެ.

މި ސްކީމުގެ ދަށުން:

– ފައިނޭންސިންގ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރަށް ދުވަހަށް ބަހާލެވޭ (18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން)
– އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ %20 ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށްވެސް ހަމަޖެއްސޭނެ
– އިމާރަތް ކުރާ ތަން ފިޔަވާ އިތުރު ރަހުނެއް ބޭނުމެއް ނުވޭ

"ހިޔާވެހި" ފައިނޭންސިންގެ ތެރެއިން މުޅިން އަލަށް ގެއެއް އިމާރާތް ކުރަން އަދި އިމާރާތްކުރަން ފަށާފައި ހުރި ގެއެއް ނިންމަން ވެސް ލޯނު ލިބޭނެ އެވެ.

އެ ސްކީމުން ރަށްވެހި ކެޓަގަރީން އެދި ހުށަހަޅާ ފަރާތްތަކަށް އެއް މިލިއަން ރުފިޔާ، ސަހަރުތަކުން ހުށަހަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ އަދި ފުރަމާލެއިން އެދި ހުށަހަޅާ ފަރާތްތަކަށް 6 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭނެ އެވެ.

"ހިޔާވަހި" ފައިނޭންސިން ސްކީމްގެ ޕާޓްނަރުންނަކީ ބޭންކް އޯފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އިތުރުން ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އެވެ.