Last Updated: June 13, 14:05
Saturday, June 13, 2026
މުނިފޫހިފިލުވުން

ރާގަވް އަށް އަލަށް ފިލްމެއްގެ ލީޑުން ފުރުސަތެއް

މިހާރު ބޮލީވުޑްގެ ބޮޑެތި ޕްރޮޖެކްޓްތަކުން ފުރުސަތު ލިބެމުން އަންނަ ޒުވާން އެކްޓަރު ރާގަވް ޖުޔާލް އަށް އަލަށް ފިލްމެއްގެ ލީޑް ރޯލުން ފުރުސަތު ލިބިއްޖެ އެވެ.

މީޑިއާތަކުން ބުނީ މި ފިލްމަކީ "ކްއީން" އާއި "ސުޕަ 30" އަދި "ޝައިތާން" ފަދަ ކާމިޔާބު ފިލްމުތަކުގެ ޑައިރެކްޓަރު ވިކާސް ބާލް ޕްރޮޑިއުސްކުރާ ލޯބީގެ ބިރުވެރި ފިލްމެއް ކަމަށެވެ.

އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރީތައްވަމުން އަންނަ ފިލްމުގެ ނަަމަކީ "އިކާއީ" އެވެ.

މީޑިއާތަކުން ބުނީ ރާގަވްއާ އެކު ފިލްމުގެ ލީޑް ބަތަލާއެއްގެ ގޮތުގައި ފެންނާނީ ސައީ މަންޖްރޭކަރް ކަމަށެވެ. އޭނަ އަކީ ސަލްމާން ޚާންގެ 2019 ގެ "ދަބަންގް 3" އިން ތައާރަފުކުރި ބަތަލާއެކެވެ. ސައީ އަކީ ޑައިރެކްޓަރު/އެކްޓަރު މަހޭޝް މަންޖްރޭކަރްގެ ދަރިއެކެވެ.

ރާގަވް އާއި ސައީ ލީޑަށް ލައިގެން "އިކާއީ" ހަދަން ތައްޔާރީތައްވަމުން އަންނަ އިރު، މި ފިލްމު ޑައިރެކްޓް ކުރާނީ ކާކުކަމެއް އަދި ސާފެއް ނުވެ އެވެ.

މިހާތަނަށް އެކި ޕްރޮޖެކްޓްތަކުގައި ސަޕޯޓިން ރޯލުތަކެއް ކުޅެފައިވާ ރާގަވް އެންމެ ފަހުން ފެނިފައި ވަނީ ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން މިދިޔަ މަހު ނެޓްފްލިކްސް އަށް ގެނެސްދިން ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް" ގެ ރޯލަކުންނެވެ. އުމުރުން މިހާރު 34 އަހަރުގެ އެކްޓަރުގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޝާހްރުކްގެ "ކިންގް" ވެސް ހިމެނެ އެވެ.

ރާގަވްގެ އަތުގައި ހުރި އިތުރު ޕްރޮޖެކްޓްތަކުގެ ތެރޭގައި "ހަސަލް"، "ވެޑްލޮލް" އަދި ތެލެގޫ ފިލްމު "ދަ ޕެރަޑައިސް" ހިމެނެ އެވެ. މިހާތަނަށް ރާގަވް އެކި ފިލްމުތަކުގައި ތަފާތު އެކި ކަހަލަ ރޯލުތައް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ކޮމެޑީ އަދި ވިލަންގެ ރޯލު ވެސް ހިމެނެ އެވެ.

"ބޭޑްސް އޮފް ބޮލީވުޑް" ގެ ތަރި ލަކްޝް ލަލްވާނީ މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުކުރި ފިލްމު "ކިލް" ގެ މައި ވިލަން އަކީ ރާގަވް އެވެ. އަދި މިދިޔަ އަހަރު ރިލީީޒްކުރި ސިދާންތު ޗަތުރަވެދީގެ "ޔުދުރާ" ގެ ވިލަން އަކީ ވެސް ރާގަވް އެވެ.

ވަރަށް ސަކަ އަދި މަޖާ މިޒާޖެއްގެ ފަންނާނެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ރާގަވް އަށް އާންމުންގެ ސަމާލުކަން ލިބުނީ ޒީޓީވީގެ ޑާންސް އިންޑިއާ ޑާންސް (ޑީއަައިޑީ) ގެ ސީޒަން ތިނެކުން 2011 ގަ އެވެ.

މީޑިއާތަކުން ބުނީ ރާގަވްގެ "އިކާއީ" ވަރަށް އަވަހަށް ރަސްމީކޮށް އިއުލާން ކުރާނެ އެވެ. ލޯބީގެ ބިރުވެރި ފިލްމެއްގެ ލީޑުން ހުނަރު އިތުރަށް ދައްކައިލަން ރާގަވް އަށް ފުރުސަތު ފަހިވި އިރު، މި ޖޯންރާއާ އެކި ބޮލީވުޑާ އެހާ ރައްޓެހި ޖޯންރާއެއް ނޫނެވެ.

ބޮލީވުޑުން މި ފަހުންގެ ތާރީގެއްގައި ގެނެސްދިން އެންމެ ކާމިޔާބު ލޯބީގެ ބިރުވެރި ފިލްމަކީ ބިޕާޝާ ބާސޫ އާއި ޑީނޯ މޯރިއާ ލީޑް ކުޅުނު ޑައިރެކްޓަރު މަހޭޝް ބަޓްގެ 2002 ގެ "ރާޒް" އެވެ.