އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ތިން އަހަރެއްހާ ދުވަހަށް ކުރެއްވި ރިޝީ ސިނަކް، އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި، މައިކްރޮސޮފްޓްގެ މަގާމަކާ "ޕާޓްޓައިމްކޮށް" ހަވާލުވެވަޑައިގެންފި އެވެ.
އެ ކުންފުނީގެ އިތުރުން އޭއައި ސްޓާޓަޕެއް ކަމަށްވާ އެންތުރޮޕިކްގައި ރިޝީ އަދާކުރައްވާނީ އެޑްވައިޒަރެއްގެ ރޯލެވެ. އެއީ ދެ ކުންފުނިން އާމްދަނީ ވެސް ލިބިވަޑައިގަންނަވާ ގޮތަށެވެ.
ޓެކް ކުންފުނިތަކެއްގެ އެޑްވައިޒެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ސުނަކް ފެއްޓެވި އިރު، އޭނަ އަކީ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ވެސް މެ އެވެ. ދެހާސް ފަނަރައިން ފެށިގެން ރިޝީ ތަމްސީލު ކުރައްވަނީ ރިޗްމަންޑާއި ނޮދަލަޓަން އެވެ.
ރިޝީ ވިދާޅުވީ ދުނިޔޭގެ ނުފޫޒު ގަދަ ދެ ޓެކް ކުންފުންޏެއްގައި މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި ދެ ކުންފުނިން ލިބިވަޑައިގަންނަވާ އާމްދަނީ ހަދިޔާކުރައްވާނީ އަމިއްލަ ފައުންޑޭޝަން "ރިޗްމަންޑް ޕްރޮޖެކްޓް" އަށް ކަމަށެވެ.
އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ ރިޝީ، 45، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަން ކުރެއްވީ އޮކްޓޯބަރު 25، 2022 އިން ޖުލައި 5، 2024 އާ ހަމައަށެވެ. އޭނަ އަށް އެ މަގާމު ގެއްލިވަޑައިގަތީ މިދިޔަ އަހަރު ބޭއްވި އިންތިހާބުގައި މިހާރުގެ ބޮޑުވަޒީރު ކެއާ ސްޓާމާއާ ވާދަކުރައްވަ އެވެ.