Last Updated: July 3, 23:06
Saturday, July 4, 2026
ޚަބަރު

ހަރާމް ގޮތުގައި މުދާ ހޯދުމަކީ ބަރަކާތް ކެނޑޭނެ ކަމެއް

ޙަރާމް ގޮތުގައި މުދާ ހޯދުމަކީ މުދަލުގެ ބަރަކާތްކެނޑޭނެ ކަމެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ، މުދަލުގެ ހުރުމަތާ ގުޅޭގޮތުންނެވެ.

ހުތުބާގައި ބުނީ ޙަލާލު ގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގައި މާތް ﷲ ބަރަކާތްލައްވާނޭ ކަމެއް ކަމަށާއި، އަދި އަހަރެމެންގެ ޢަމަލުތައް މާތް ﷲގެ ޙަޟުރަތުގައި ޤަބޫލުވެވޭނޭ ކަމެއް ކަމަށްވާއިރު އެއީ ޙަޔާތަށް އުފާވެރިކަމާއި ބާއްޖަވެރިކަން ގެނެސްދޭނެ ކަމެއް ކަމަށެވެ.

"ޙަރާމްގޮތުގައި މުދާ ހޯދުމަކީ، އަހަރެމެންގެ މުދަލުގެ ބަރަކާތްކެނޑޭނޭ ކަމެކެވެ. އަދި ޢަމަލުތައް ޤަބޫލުވެވުމަށް ހުރަސްއެޅޭނޭ ކަމެކެވެ. ދިރިއުޅުމުގައި އުފާވެރިކަމާއި ބާއްޖަވެރިކަންނެތޭނޭ ކަމެކެވެ،" ހުތުބާގައި ބުންޏެވެ.

ހުތުބާގައި ބުނީ މިއަދު އަހަރެމެންގެ މުޖުތަމަޢުގެ ޙާލާ މެދު ފިކުރުހިންގާ އިރު، އަހަރެމެންނާ ދިމާވާ ގިނަ ދަތިތައް ގުޅިފައިވަނީ، މުދަލާ މެދު ދީނުގައި އަންގަވައިފައިވާ އުޞޫލުތަކަށް އިހުމާލުވުމާ ކަމަށެވެ. އެގޮތުން ކޮރަޕްޝަނާއި، ރިޝްވަތާއި، އަމިއްލަ މަޞްލަޙަތު އިސްކުރުމާއި، އާމްދަނީ ހޯދުމަށް މަސައްކަތްކުރުމަށް ފަސްޖެހުން ފަދަ އެންމެހައި ކަންކަމުން ދުރުހެލިވުމަށް ދީނުގައި ބާރުއަޅުއްވައިފައިވާއިރު އެފަދަ ނޭދެވޭ ނުބައި ކަންކަންމުން ދުރުހެލިވެ ތިބުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

މީގެއިތުރުން އެއްވެސް އިންސާނަކު، އެ އިންސާނަކަށް މާތްﷲ ކަނޑައަޅުއްވާފައިވާ ރިޒުޤު ފުރިހަމަވުމުގެ ކުރިން އޭނާގެ އަޖަލާ ބައްދަލުނުކުރާނެ ކަމަށާއި އަދި، އިންސާނާއަށް މާތްﷲ ދެއްވި މުދަލަކީ ހުރުމަތްތެރިވެގެންވާ އެއްޗެއްކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފަ އެވެ.