Last Updated: July 3, 23:06
Saturday, July 4, 2026
ޚަބަރު

އިޒްރޭލުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަން ގޮވާލައިފި

ހަމަލާތައް ހުއްޓާލަން އެއްބަސްވި ނަމަވެސް އިޒްރޭލުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހުށަހެޅުއްވި ސުލްހައިގެ ޕްލޭނުގެ ފުރަތަމަ މަރުހަލާ ތަންފީޒުކުރަން ހަމާސް އާއި އިޒްރޭލުން ވަނީ އެއްބަސްވެފަ އެވެ. ފުރަތަމަ މަރުހަލާގެ ތެރެއިން ގާޒާއަށް ހަމަލާތައް ދިނުން ހުއްޓާލުމުގެ އިތުރުން އިޒްރޭލުން ގާޒާގައި ހިންގަމުންދާ ހުރިހާ އަސްކަރީ އޮޕަރޭޝަނެއް ނިމުމަކަށް ގެންނަންޖެހޭ ކަމަށް ބުނެފައިވެ އެވެ.

މިކަމަށް މަރުހަބާ ކިޔައި ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި އެއްބަސްވުމަކީ ހަމަޖެހުން ދެމެހެއްޓުމަށް ލިބުނު ކޮންމެވެސް ވަރެއްގެ އުއްމީދެއް ކަމަށާއި މިއީ އެތައް އަހަރެއް ވަންދެން ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރި ތަކުލީފުތަކަށް ނިމުމެއް ގެނައުމަށް ކުރިއަށް އޮތް ދިގު ދަތުރުގެ ފެށުމެއް ކަމަށެވެ.

މީގެ ކުރިން ވެސް ސުލްހަ ގާއިމުކުރަން ވި އެއްބަސްވުންތަކާ އިޒްރޭލުން ހިލާފުވެފައިވާ ކަން ފާހަގަކޮށް، އެ ބަޔާނުގައި ވަނީ މި އެއްބަސްވުމަށް އިޒްރޭލުން ފުރިހަމަ އަށް އިހުތިރާމް ކުރަން ޖެހޭ ކަމަށް ބުނެފަ އެވެ. އަދި އިޒްރޭލުން ގާޒާގައި ހިންގި ޖަރީމާތަކާ ގުޅިގެން ދުނިޔޭގެ ޖިނާއީ ކޯޓުން ދައުވާ އުފުލާފައިވާ އިޒްރޭލުގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް ރާއްޖެއިން ގޮވާލާފައިވެ އެވެ.

ފުރަތަމަ މަރުހަލާގެ ތެރެއިން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ އަސީރުން މިނިވަން ކުރަން ހަމަޖެހިފައިވާއިރު، އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ބައެއް މީހުން ވެސް މިނިވަން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ގާޒާގައި ތިބި އިޒްރޭލުގެ ސިފައިން ދެ ފަރާތުން ވެސް އެއްބަސްވާ ހިސާބަކަށް ފަހަތަށް ޖެހުމަށް ވެސް ހަމަޖެހިފައިވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމަޕް ވަނީ އަސީރުން މިނިވަންކުރުމުގެ ކަންކަން އަންނަ ހޯމަ ނުވަތަ އަންގާރަ ދުވަހުގައި ކުރިއަށްދާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފަ އެވެ.

ހަމަލާތައް ހުއްޓާލަން އެއްބަސްވި އިރު މި މަހުގެ ހަތް ވަނަ ދުވަހު ވަނީ މި ހަމަލާތަކަށް ދެ އަހަރު ވެފަ އެވެ.

އިޒްރޭލުން ގާޒާއަށް ހުއްޓުމެއް ނެތި ހަމަލާތައް ދެމުންދާއިރު، އެ ހަމަލާތަކުގައި މިހާތަނަށް ގާޒާއިން ވަނީ 67،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.