Last Updated: July 3, 23:06
Saturday, July 4, 2026
ޚަބަރު

މިދިޔަ މަހު މީރާއަށް ތިން ބިލިއަން ރުފިޔާގެ އާމްދަނީއެއް

މިރާ އޮފީހުގެ ތެރެއިން / ފޮޓޯ: މީރާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ސެޕްޓެމްބަރު މަހު 3.01 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

މިއީ މީރާއިން އެމަހު ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ 33.7 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން ބުނާ ގޮތުގައި އާމްދަނީ އިތުރުވީ ޖީއެސްޓީ، ޓޫރިޒަމްގެ ބިމު ކުލި، ޓީޖީއެސްޓީ އަދި އެއާޕޯޓް ޓެކްސްތަކާއި ފީތަކުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. އަދި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް މި އިތުރުވުމުގައި ހިމެނެއެވެ. ސެޕްޓެމްބަރު މަހު އެންމެ ގިނަ އާމްދަނީ ލިބިފައިވަނީ ޖީއެސްޓީގެ ގޮތުގަ އެވެ.

އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މުޅި އާމްދަނީގެ 40.5 އިންސައްތަ އެވެ. ދެވަނައަށް އެންމެ ގިނައިން ލިބިފައިވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 507 މިލިއަން ރުފިޔާ އެވެ.

މީގެއިތުރުން، ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި 404 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 204 މިލިއަން ރުފިޔާ، ޑިޕާޗާ ޓެކްސްގެ ގޮތުގައި 199 މިލިއަން ރުފިޔާ އަދި ގްރީން ޓެކްސްގެ ގޮތުގައި 195.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.