Last Updated: July 3, 23:06
Saturday, July 4, 2026
ޚަބަރު

ކުރީގެ މިނިސްޓަރުން ހާޒިރުކުރަނީ ބޮޑު އެއްވުމަށް ހުރަސްއަޅަން

އެމްޑީޕީ ސަރުކާރުގެ ތިން މިނިސްޓަރަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކުރަނީ އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު އެއްވުމަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް އެމްޑީޕީން ބުނެފި އެވެ.

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު އޭސީސީއަށް ހާޒިރުވާން އަންގާ ޗިޓު ވަނީ ފޮނުވާފަ އެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެ ތިން ބޭފުޅުން އޭސީސީއަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވައިފައިވަނީ އެއްވެސް އަސާސެއް ނެތި ސިޔާސީ ބޭނުމުގައި ކަމަށާއި އެ ތިން ބޭފުޅުންގެ މައްޗަށް އޭސީސީން ކުރަނީ ދޮގު ތުހުމަތުތަކެއްކަން، އެ މައްސަލައިގެ ޒާތުންވެސް އެނގިގެންދާ ކަމަށެވެ.

އޭސީސީން ތަހުގީގު ކުރަމުންދާކަމަށް އަންގައިފައިވާ މައްސަލައަކީ، 2018 އާއި ހަމައަށް އޮތް އޭރުގެ ސަރުކާރުން ބޭއިންސާފުން އެއްބަސްވުންތަކެއް ބާތިލުކޮށްފައި ވުމުގެ ސަބަބުން ދައުލަތަށް ކުރިމަތިވި ދަޢުވާތަކެއްގެ މައްސަލަ ކަމަށާއި ޕީއެންސީގެ އަސްލު ކަމަށްވާ އޭރު އޮތް ޕީޕީއެމްގެ ސަރުކާރުން، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއެކު ހަދައިފައިވާ އެއްބަސްވުންތައް ބާތިލުކުރީ އެއްވެސް ޤާނޫނީ ހަމައެއް އޮވެގެން ނޫންކަން ދައުލަތުގެ އިދާރާތަކުގައި ހުރި ލިޔެކިޔުންތަކުން ސާފުވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

ނުހައްގުން އަދި ޤާނޫނާ ހިލާފަށް އެއްބަސްވުންތައް ބާތިލުކުރި މައްސަލަތަކުގައި ހައްލު ހޯދައިދިނުމަށް އެދި ހުށަހެޅުމަށް ހުޅުވައިލި ފުރުސަތުގައި، ސްވިފްޓް އިންޖިނިއަރިންއިން ބަދަލު ހޯދުމަށް އެދި ހުށަހެޅީ، އެ ކުންފުނީގެ ކިބައިން ވަކިކުރި 6 ޕްރޮޖެކްޓެއްގެ ތެރެއިން، 4 ޕްރޮޖެކްޓެއްގެ އަގަށްވާ ވަރަށް މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފިނަމަ، އަނެއް 2 ޕްރޮޖެކްޓުން ގެއްލިގެން ދިޔަ މާލީ މަންފާގެ ބަދަލު ހޯދުމަށް ދައުލަތާ ދެކޮޅަށް އިތުރު ދައުވާއެއް ނުކުރާނެކަމަށް އެއްބަސްވުމަށް ކަމަށް ބަޔާނުގައިވެ އެވެ.

މިއީ ދައުލަތައް އެންމެ ގެއްލުން ކުޑަވާނެ ގޮތް ކަމަށް ކަމަށް ބަލައި، ކުރީގެ އެ ތިން މިނިސްޓަރުން އޭރު ހިމެނިވަޑައިގެންނެވި ސެޓްލްމަންޓް ކޮމިޓީން ލަފާދީފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. އެމްޑީޕީގެ ސަރުކާރުން، ގެއްލުމުގެ ބަދަލު ދިނުމުގައި ޢަމަލުކޮށްފައިވަނީ، ވަކި މީހަކަށް ނުވަތަ ވަކި ކުންފުންޏަކަށް ބެލުމުގެ ބަދަލުގައި ކޮންމެ މައްސަލައެއް ވެސް ވަކިވަކިން ބަލައި ދިރާސާކޮށް، ހާލަތާ ގުޅޭގޮތުން އަދި ދައުލަތުން އުފުލަންޖެހިދާނެ މާލީ ބުރަ ވީހައިވެސް ކުޑަވާނެ ގޮތަށްކަން މި މައްސަލައިންވެސް ހާމަވާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

"ސްވިފްޓް އިންޖިނިއަރިންގެ ވެރިޔާ އަދި މި ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ސައުދުالله ހިލްމީ ވެސް ވަނީ މި މައްސަލައިގައި ސެޓްލްމެންޓް ކޮމިޓީން އަމަލުކުރި ގޮތުން ދައުލަތަށް ވެފައިވަނީ ފައިދާކަމަށް ހާމަކުރައްވައިފައެވެ. މި މައްސަލަތަކުގައި ބަދަލު ދިނުމުގެ ނަމުގައި އޭސީސީއިން ތުހުމަތު ކުރާ އެއްވެސް މީހަކަށް ޒާތީ މަންފާއެއް ލިބިފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނީ މިހާ ސާފުކޮށް ފެންނަން އޮތް ކަމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އޭސީސީ މެދުވެރިކޮށް ސިޔާސީ ފަރާތްތަކަށް ބިރު ދެއްކުމަށް ޗިޓު ފޮނުވަމުން ދަނީ، މި ފެށޭ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ބާއްވާ ބޮޑު އެއްވުމަށް ހުރަސްއެޅުމުގެ ބޭނުމުގައި ކަމަށެވެ. އަދި ދައުލަތުގެ މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސިޔާސީ ބޭނުމަށް ހިންގަވަމުންދާ މުޑުދާރު ޢަމަލުތައް ހުއްޓައިލުމަށް އެމްޑީޕީއިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.