މުޒާހަރާތަކުގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ސޮނިކް ވެޕަން އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްރެޑް) ކުރިއަށް އޮތް ތަނުގައި ބޭނުން ނުކުރުމަށް 27 ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލައިފި އެވެ.
އެގޮތަށް ގޮވައިލީ މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ އެމްޑީޕީން މާލޭގައި "ލޫޓްވައިފި ލޫޓްވައިފި" ގެ ނަމުގައި ބޭއްވި މުޒާހަރާ ރޫޅައިލަން ފުލުހުން އެ ބޭނުންކޮށްފައިވާތީ އުފެދިފައިވާ ކަންބޮޑުވުންތަކާ ގުޅިގެންނެވެ.
"ސޮނިކް ވެޕަން" އަކީ މީގެ ކުރިން ފުލުހުން ބޭނުން ކުރަމުން އައި އެއްޗެއް ނޫން ކަމަށާއި އެ ބޭނުންކޮށްފައ ވަނީ އުސޫލާ ހިލާފަށް ކަމަށް އެމްޑީޕޫން ބުނެފައިވެ އެވެ.
އޮކްޓޯވަރު 3 ވަނަ ދުވަހުގެ ރޭގެ މުޒާހަރާ ރޫޅާލުމަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވުމުން އެކަން ކުށްވެރިކޮށް އޭޝިއަން ފޯރަމް ފޯ ހިއުމަން ރައިޓްސް އެންޑް ޑިވެލޮޕްމަންޓު (ފޯރަމް އޭޝިއާ) އާއި 26 ޖަމިއްޔާއެއް ގުޅިގެން މިއަދު ނެރުނު ބަޔާނޔގައި ބުނީ މުޒާހަރާ ފެށުމުގެ ކުރިން ވެސް އަސްކަރީ އުޅަނދުތައް މަގުތަކަށް ނެރެ ރައްޔިތުންނަށް ބިރު ދެއްކުމުގެ އަމަލުތައް ހިންގާފައިވާ ކަމަށެވެ.
އަދި މާލެ ފަދަ ތޮއްޖެހިފައި އޮތް ސިޓީއެއްގައި އެލްރެޑު ބޭނުން ކުރުމަކީ އާންމު ސިއްހަތާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި އެ ރާއްޖޭގެ ފުލުހުންގެ ހިދުމަތް ވަރަށް ބޮޑަށް އަސްކަރީ ވަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.
ބަޔާނުގައި ބުނީ ފުލުހުންގެ އެ ޢަމަލުތަކަކީ ޤާނޫނުއަސާސީން ކަށަވަރުކޮށް ދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުތަކަށް އަދި ދިވެހިރާއްޖެ ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ (އައިސީސީޕީއާރް) ގެ ދަށުން ލިބިފައިވާ ހައްގުތަކަށް ވެސް އަރައިގަތުމެއް ކަމަށެވެ.
ބަޔާނުގައި ބުނީ ކައިރިން ބޭނުން ކުރާ އިރު، އެލްރާޑްސް އިން މީހުންނަށް ގެއްލުން ދިނުމުގެ ރިސްކުގެ އިތުރުން، ކައިރީގައި ދިރިއުޅޭ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އާއިލާތަކަށް އަޑުއިވުމާއި ނިއުރޮލޮޖިކަލް ގެއްލުންތައް ލިބުމުގެ ނުރައްކާ އޮތް ކަމަށެވެ.