Last Updated: June 8, 15:03
Monday, June 8, 2026
މުނިފޫހިފިލުވުން

'ހުވާ' ގެ 3 ވަނަ ސީޒަން އަންނަނީ

ފާތުމަތު ނަހުލާގެ "ހުވާ" ސީރީޒްގެ ތިން ވަނަ ސީޒަން ގެނެސްދޭން ތައްޔާރުވާން ފަށައިފި އެވެ.

އޭގެ ޝޫޓިން ވެސް މިދިޔަ ހަފުތާގައި ފަށާ އިރު، އެ ސީރީޒް ގެނެސްދޭ ސްޓްރީމިން ޕްލެޓްފޯމް، ބައިސްކޯފުން ވަނީ ތިން ވަނަ ސީޒަންގެ ޝޫޓިންގެ ތެރެއިން ނަގާގައިވާ ވީޑިއޯއެއް ވެސް ހިއްސާކޮށް، އާ ސީޒަން ވަރަށް އަވަހަށް އަންނާނެ ކަމަށް ބުނެފަ އެވެ.

ފާހަގަކޮލަން ޖެހޭ ކަމަކީ "ހުވާ" އަކީ ބައިސްކޯފް 2018 ލޯންޗްކުރި އިރު، އެއަށް އެންމެ ފުރަތަމަ ގެނައި ސީރީޒްކަމެވެ. އޭގެ ފުރަތަމަ ދެ ސީޒަންގައި ޖުމްލަ 102 އެޕިސޯޑް ގެނެސްދީފައިވެ އެވެ.

ބައިސްކޯފް ލޯންޗްކުރީ ނޮވެމްބަރު 12، 2018 ގަ އެވެ. އަދި އެ ޕްލެޓްފޯމުން "ހުވާ" ޕްރީމިއާކުރީ އެ މަހުގެ 29 ގަ އެވެ.

ނަހުލާގެ ވާހަކައަކަށް ހަދާ ސީރީޒްގެ ފުރަތަމަ ސީޒަންގައި އޭނައާ އެކު ޑައިރެކްޓަރެއްގެ ގޮތުގައި މީގެ ރޯލެއް ވެސް ކުޅޭ މުހައްމަދު ފައިސަލް ހިއްސާވެފައިވާ އިރު، ސީރީޒްގައި ރޯލެއް ކުޅުނު ޔޫސުފް ޝަފީއު ޔޫއްޕެ) ދެވަނަ ސީޒަންގައި ނަހުލާއާ އެކު ޑައިރެކްޝަންގައި ހިއްސާވި އެވެ.

ތިން ވަނަ ސީޒަން ޑައިރެކްޓް ކުރަނީ ނަހުލާ އާއި އައިޝަތު ރިޝްމީ ގުޅިގެންނެވެ. ރިޝްމީ ކުރިން ވެސް ނަހުލާގެ ޕްރޮޖެކްޓެއް ޑައިރެކްޓްކޮށްފައިވެ އެވެ. އެއީ 2017 ގެ ފީޗާ ފިލްމު "ބޮސް" އެވެ. ނަހުލާ މި އަހަރު ގެނެސްދިން ފިލްމު "ސޮރީ" އަކީ ރިޝްމީ އެޑިޓްކުރި ފިލްމެކެވެ.

ލޯބީގެ ވާހަކައަކަށް ގެނެސްދޭން ފެށި "ހުވާ" އަކީ ވަރަށް ބޮޑު ކާސްޓެއް ވެސް ހިމެނޭ އެެއްޗެކެވެ.

އެގޮތުން ސީރީޒްގެ ކުރީގެ ދެ ސީޒަނުން ޔޫއްޕެ، ފައިސަލް، މަރިޔަމް އައްޒަ، ރަވީ ފާރޫގް، އަބްދުﷲ މުއާޒް (މުއާ)، އަހުމަދު އީސަ (އާނަންދު)، އައިމިނަތު ރިޝްފާ، ޝީލާ ނަޖީބު، އަހުމަދު އަޒްމީލް (އަޒޭ)، އަލީ އާޒިމް ދޮންއައްޔަން) އިބްރާހީމް ޖިޖާދު (ޖިމީ)، މަރިޔަމް ޝަކީލާ، އާރިފާ އިބްރާހީމް އަދި ރޯނު ހަސަން މަނިކު ފަދަ ތަރިން ފެނިފައިވެ އެވެ.