Last Updated: July 3, 23:06
Saturday, July 4, 2026
ޚަބަރު

އޮޅުހިޔާ ދެރަ ހާލަތަކަށް ވެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން

މާލޭ މޭޔަރު އާދަމް އާޒިމް- ފޮޓޯ: މާލެސިޓީ ކައުންސިލް

މާލޭ މަގުމަތީ އުޅޭ ބުޅާތައް ބަލަހައްޓަން ހެދި "އޮޅުހިޔާ" ދެރަ ހާލަތަކަށް ވެއްޓުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އޮޅުހިޔާގައި ބައްޔެއް ފެތުރި މަހެއްހާ ދުވަހުގެ ތެރޭގައި 51 ބުޅާ މަރުވެފައިވާ ކަމަށް ބައެއް ޖަމިއްޔާތަކުން އެތަނަށް ޒިޔާރަތްކޮށް ތައްޔާރުކުރި ރިޕޯޓެއްގައި ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ މާލޭގައި އުޅޭ ބުޅާތަކުގެ ސަބަބުން ޢާންމު ރައްޔިތުންނަށް ދިމާވަމުންދާ އުނދަގޫތައް ހައްލުކުރުމަށްޓަކައި އަދި ބުޅާތައް ވެސް، ރައްކާތެރި މާޙައުލެއްގައި ގެންގުޅުމަށް ޓަކައި، ކެޓް ޝެލްޓާއެއް ގާއިމުކޮށް، އެ ތަނަށް މާލޭގައި އުޅޭ ބުޅާތައް ގެންދަން ފަށަން އޮތް ދުވަހު، ސަރުކާރުން އެންގުމުން ކެޓްޝެލްޓާ ސަރުކާރާ ހަވާލުކުރި ކަމަށެވެ.

ނަމަވެސް ކެޓްޝެލްޓާއަށް ގެންދިޔަ ބުޅާތަކަށް، ރައްކާތެރި މާޙައުލެއް އެތަނުގައި މިހާރު ނެތްކަމާއި، އެތަނަށް ގެންދިޔަ ގިނަ ޢަދަދެއްގެ ބުޅާތައް މަރުވެފައިވާ ކަމަށް ޖަނަވާރުތަކަށް ރައްކާތެރިކަން ހޯދައި ދިނުމަށް މަސައްކަތްކުރާ ގިނަ ޢަދަދެއްގެ ޖަމިއްޔާތަކުން، ކެޓް ޝެލްޓާގެ ޙާލަތު މޮނިޓާ ކުރުމަށް ފަހު ނެރުނު ރިޕޯޓް ފެނުމުން، ކަންބޮޑުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ސަރުކާރުން، ކެޓްޝެލްޓާ އަތުލިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު، ކެޓް ޝެލްޓާ ގެ ޙާލަތު މިހައި ދެރަ ޙާލަތަކަށް ވެއްޓިފައި ހުރުމަކީ، އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވަނީ ކެޓްޝެލްޓާގެ ޙާލަތު ރަނގަޅުކޮށް، މާލެތެރޭގައި ދޫވެފައިވާ ބުޅާތައް އެތަނަށް ގެންގޮސް އެތަން ހެދި ޙަޤީޤީ މަޤުޞަދުތައް ޙާޞިލްކުރެވޭ ގޮތަށް، ކެޓް ޝެލްޓާގެ އެންމެހައި ކަންކަން އިންތިޒާމުކޮށްދިނުމަށް އެދި ޖަނަވާރުތަކާއި ބެހޭ ވުޒާރާއާއި، ދައުލަތުގެ ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކަށް ގޮވާލާފަ އެވެ.