ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރަކަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) ހަމަޖައްސަވައިފިއެވެ.
މިއީ ދިވެއްސަކު ފީފާގެ އެޑްވައިޒަރީ ކޮމިޓީއަކަށް އައްޔަންކުރެއްވި ފުރަތަމަ ފަހަރެވެ.
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީގެ މެންބަރަކަށް ޓޮމް އައްޔަންކުރީ 2025-2029 އާ ހަމައަށެވެ.
މި ކޮމިޓީ އަކީ ޓެކްނިކަލް މިންގަނޑުތައް އެކުލަވާލާ ދުނިޔޭގެ ފުޓްބޯޅައިގައި އެ މިންގަނޑުތައް ހިފެހެއްޓުމަށް ބާރުއަޅާ ކޮމިޓީއެކެވެ. ފީފާ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީ އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށެވެ.
އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް އިންތިހާބުކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގައި އެވެ. މަހިބަދޫ ދާއިރާގެ މިހާރުގެ މަޖިލިސް މެންބަރަކީ ގައުމީ ފެންވަރުގައި ކުރިން ފުޓްބޯޅަ ކުޅުނު ރާއްޖޭގެ ވަރަށް ފާހަގަކޮށްލެވުނު ކުޅުންތެރިއެކެވެ.
ފީފާގެ ޓެކްނިކަލް ޑިވެލޮޕްމަންޓް ކޮމިޓީގެ މެންބަރަކަށް ޓޮމް އައްޔަންކުރި އިރު، މިދިޔަ މަހުގެ ތެރޭގައި އޭނަ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވެސް ބައްދަލު ކުރައްވައި ރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުމާ ގުޅޭ ގޮތުން މަޝްވަރާތަކެއްކޮށްފައިވެ އެވެ.