Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ގައުމީ ޤުރުއާން މުބާރާތުގެ ނަތީޖާ މިރޭ

ގައުމީ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށް ދެއްވާ އެ ރަސްމިއްޔާތު އޮންނާނީ އިސްލާމީ މަރުކަޒުގަ އެވެ.

މި އަހަރު ބޭއްވި 37 ވަނަ ގައުމީ ޤުރުއާން މުބާރާތް އޮތީ މިދިޔަ މަހުގެ 18-26 އަށެވެ. މި މުބާރާތުގައި 1،023 ބައިވެރިން ވާދަކޮށްފައިުވެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 582 ބައިވެރިންނާއި ނުބަލައި ކިޔެވުމުގެ ގޮފިން 412 ބައިވެރިންނާއި ހާފިޒުންގެ ބައިގައި ކިޔެވި 29 ބައިވެރިންނެވެ.

މުބާރާތުގައި ސްކޫލްތަކާއި، ޤުރުއާން ކުލާސްތަކާއި، އޮފީސްތަކާއި މުވައްސަސާތަކުގެ އިތުރުން އަމިއްލަ ގޮތުން ވެސް ވާދަކޮށްފައިވެ އެވެ.

މުބާރާތުގައި ކޮންމެ ޢުމުރުފުރާއަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ހަމަޖެހިފައިވާ އިރު މުޅި މުބާރާތުން ވެސް ވަނަތައް ހޮވާނެ އެވެ.

މި އަހަރުގެ މުބާރާތުގެ ވަނަތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ވެސް ހުށަހަޅައިފަ އެވެ.

އެގޮތުން ނުބަލާ ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ އާއި ބަލައިގެން ކިޔެވުމުގެ ބައިން މުޅި މުބާރާތުން 1 ވަނަ އަދި ޙާފިޒުންގެ ބައިން މުޅި މުބާރާތުން 1 ވަނަ ހޯދާ ފަރާތްތަކަށް އެ ފަރާތަކުން ތަޢުލީމް ޙާސިލު ކުރަން ބޭނުން ދާއިރާއަކުން ޕީއެޗްޑީއާ ހަމައަށް ބޭނުން ގައުމަކުން ތަޢުލީމު ޙާސިލް ކުރަން ސްކޮލަޝިޕް ދޭން ރައީސް އޮތީ ނިންމަވައިފަ އެވެ.

މުބާރާތުގެ ވަނަތަކަށް އިސްލާމިކް މިނިސްޓްރީން ދޭ އިނާމުތަކަށް ބަލާ އިރު މުބާރާތުގެ ކޮންމެ ގޮތްޕަކުން އެއް ވަނަ ހޯދާ ބައިވެރިއަކަށް 75،000ރ، ދެވަނަ އަށް އަންނަ ބައިވެރިންނަށް 50،000ރ. އަދި ކޮންމެ ގޮތްޕަކުން 3 ވަނަ އަށް އަންނަ ބައިވެރިއަކަށް 35،000ރ. ގެ ލިބޭނެ އެވެ.