ބޮލީވުޑްގެ ކުރީގެ މަޝްހޫރު ތަރި، ގޯވިންދާގެ ފިރިހެން ދަރިފުޅު ޔާޝްވަރްދަން އަހޫޖާ ބޮލީވުޑަށް ތައާރަފު ވާނީ ސާޖިދު ޙާން ޑައިރެކްޓްކުރާ ފިލްމަކުން ކަމަށް ރޕޯޓްތައް ބުނެފި އެވެ.
"ހޭ ބޭބީ" އާއި "ހައުސްފުލް" ގަދަ ފިލްމުތައް ގެނެސްދިން ސާޖިދަކީ މަޝްހޫރު ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ޚާންގެ ކޮއްކޮ އެވެ.
#Exclusive .🔔#SajidKhan is gearing up for his comeback with an untitled romantic comedy that marks the debut of #Govinda ’s son, #YashvardhanAhuja. The film also stars Laapataa Ladies (2024) fame #NitanshiGoel and #KrithiShetty in the lead roles.✅ pic.twitter.com/Rwpojzagul
— Always Bollywood (@AlwaysBollywood) October 9, 2025
ސާޖިދު މީގެ ތިން އަހަރު ކުރިން 2022 ގެ އޮގަސްޓްގައި "100 ޕަސެންޓް" ކިޔާ ފިލްމެއް ވެސް އިއުލާންކުރި އެވެ. ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރާ ގޮތަށް އެ ފިލްމު އިއުލާންކުރީ 2023 ފަހުކޮޅު ސިނަމާތަކަށް ގެންނަ ގޮތަށެވެ. "100 ޕަސެންޓް" ގެ ތަރިންނަކަށް ނެގީ ޖޯން އަބްރަހަމާއި ނޯރާ ފަތުހީ އާއި ރިތޭޝް ދޭޝްމުކްގެ އިތުރުން ޝެހެނާޒް ގިލް އެވެ.
ނަމަވެސް މި ފިލްމުގެ އެއްވެސް ޚަބަރެއް ދަބަރެއް ފަހަކުން ނުވެ އެވެ.
ރިޕޯޓްތައް މިހާރު ބުނާ ގޮތުން ގޯވިންދާގެ ދަރިފުޅު ތައާރަފު ކުރަން ހަދަން ނިންމާފައިވާ ރޮމޭންޓިކް ކޮމެޑީ ޑައިރެކްޓްކޮށް ދޭން ސާޖިދަށް ހުށަހަޅައި މަޝްވަރާތައް ދަނީ ކުރިއަށެވެ. އަދި އެ ފިލްމުގެ ބަތަލާއިންނަކީ މިދިޔަ އަހަރުގެ "ލާޕަތާ ލޭޑީސް" އިން ތައާރަފުވި ނިތާންޝީ ގޮއެލް އާއި ކްރިތީ ޝެޓީ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ޔާޝްވަރުދަން ބޮލީވުޑަށް ނެރެން އުޅޭ ވާހަކަ ދެކެވެމުން އަންނަތާ މިހާރު ވަރަށް ގިނަ ދުވަސްވެއްޖެ އެވެެ. ކުރިން ބެލެވިފައި އޮތް ގޮތުން އޭނަ މި އަހަރު ތައާރަފުވާނެ އެވެ. ނަމަވެސް ޔާޝްވަރުދަން ސޮއިކުރި ފޭންޓަމް ސްޓޫޑިއޯސްގެ ފިލްމުގެ މަސައްކަތް މިހާރު މަޑުޖެހިފައިވާތީ، އޭނަ ތައާރަފު ވާނީ ސާޖިދު ހަދާ ފިލްމުން އަންނަ އަހަރު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މީޑިއާތަކުން ކުރިން ބުނެފައިވާ ގޮތުގައި ޔާޝް ސޮއިކުރި ފުރަތަމަ ފިލްމަކީ ނެޝަނަލް އެވޯޑް ހޯދާފައިވާ ތެލެގޫ ޑައިރެކްޓަރު ސައީ ރާޖޭޝްގެ ފިލްމެކެވެ. އަދި އެ ފިލްމުގެ ކާސްޓްގައި ކުރީގެ އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު، ބާބިލް ޚާން ވެސް ހިމެނޭ ކަމަށް މި އަހަރުގެ ކުރީކޮޅު އަޑު އަރާފައިވެ އެވެ.