އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ މި މަހު ނަގަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓަށް ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާންމުކޮށް އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފި އެވެ.
ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ. އެ ވޯޓް އޮންނާނީ މި މަހުގެ 25 ގަ އެވެ.
ވޯޓް ދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓް ސަރުކާރުގެ ގެޒެޓާއި އީސީގެ ވެބްސައިޓްގެ އިތުރުން ތިން އަވަށުގެ އަވަށު އޮފީސްތަކުގައި ވެސް މިހާރު އާންމުކޮށްފައި ހުންނާނެ އެވެ.
އީސީން ބުނީ މިއަދު އާންމުކުރި ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާ މެންދުރު ފަހު 3:00 އާ ހަމައަށް ކަމަށެވެ. ޝަކުވާ ހުށަަހަޅާނީ މި މެއިލް [email protected] މެދުވެރިކޮށެވެ.
ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް ނަގާ ވޯޓަށް ޖުމްލަ 18 ވޯޓްފޮށި ބަހައްޓާނެ ކަމަށް އީސީން ބުންޏެވެ.
އީސީން ބުނީ މި ވޯޓަށް ފޭދޫގައި 5 ފޮށި، ހުޅުދޫގައި 3 އަދި މީދޫގައި ވެސް 3 ފޮށި ބަހައްޓަން ހަމަޖެހިފައިވާ އިރު، މާލޭ ސަރަޙައްދުގައި ދިރިއުޅޭ އެ ރަށްރަށަށް ނިސްބަތްވާ މީހުން ވޯޓްލާން މާލޭގެ އެއް ތަނެއްގައި 7 ވޯޓު ފޮށި ބަހައްޓާނެ ކަމަށެވެ. އެއީ ފޭދޫ ރައްޔިތުން ވޯޓުލާން 3 ފޮއްޓާއި ހުޅުދޫ ރައްޔިތުން ވޯޓުލާން ބަހައްޓާ 3 ފޮށީގެ އިތުރުން މީދޫގެ ރައްޔިތުން ވޯޓުލާން ބަހައްޓާ ފޮށްޓެކެވެ.
ވޯޓްލުން ކުރިއަށް ގެންދާނީ 25 ވަނަ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
މިހާރު އައްޑޫގެ ހުރިހާ ރަށްތަކެއް (އަވަށްތަކެއް) ތަމްސީލުވާ ގޮތަށް ސިޓީ ކައުންސިލެއް އޮންނަ އިރު، އައްޑޫގެ ތިން ރަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓަކަށް ދާން ނިންމީ ތިން އަވަށުގެ ރައްޔިތުން އެކަމަށް އެދިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވެ އެވެ.
ނަމަވެސް މިކަމާ ގުޅިގެން ރައްޔިތުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާވުންތަކާއި ކަންބޮޑުވުންތައް އުފެދިފައިވެ އެވެ.