މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް އަށް ކުރިމަތިލާން ދިން މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.
ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ހަމަވާނީ މާދަމާ މެންދުރު ފަހު 2:00 އަށް ކަމަށެވެ.
އެވޯޑަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވާލައި ދިން މުއްދަތު ހަމަވީ މިދިޔަ މަހުގެ 3 އަށެވެ. އޭގެ ފަހުން މުއްދަތު މި މަހުގެ 9 އާ ހަމައަށް އިތުރުކުރި އެވެ.
އެވޯޑަށް ކުރިމަތިލާނީ މި ޕޯޓަލް msme.bcc.mv މެދުވެރިކޮށެވެ.
މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް އަކީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމަށް ބީސީސީން ދޭން ނިންމި އެވޯޑެކެވެ.
އަހަރަކު އެއް ފަހަރު އެވޯޑް ދޭނެ އެވެ. އެގޮތުން މި އަހަރު ފަނޑިޔާރުން ހޮވާ 13 ގިންތިއަކާއި، ޢާންމުންގެ މަޤުބޫލުކަމާއެކު ހޮވާ 11 ގިންތިއަކުން އެވޯޑް ދޭނެ އެވެ.