Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ބިދޭސީންގެ ބައޯމެޓްރިކް އަޕްޑޭޓްކުރަން އިތުރު ވަގުތު

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން ފަށާފައި އޮތް މަސައްކަތުގެ ތެރެއިން ބިދޭސީންގެ ބައޯމެޓްރިކް ޑޭޓާ އަޕްޑޭޓް ކުރަން އަނެއްކާ ވެސް އިތުރު މުއްދަތެއް ދީފި އެވެ.

ހޯމްލޭންޑް މިނިސްޓްރީން ބުނީ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ވަޒީފާ ދޭ ފަރާތްތަކުން، އެ ފަރާތްތަކުގެ ނަމުގައި ރާއްޖެ ގެނެސްފައިވާ އެއްވެސް ބިދޭސީއެއްގެ ބައޯމެޓްރިކްސް އެކްސްޕެޓް އޮންލައިން ސިސްޓަމުން އަދާހަމަކޮށްފައި ނުވާ ނަމަ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ކުރިން ސިސްޓަމުން އަދާހަމަކުރުމަށް އަންގާ ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ކުރިއެކޭ ވެސް އެއްގޮތަށް ނެޝަނަލް ސެންޓަ ފޮ އިންފޯމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިމާރާތުގެ ގްރައުންޑް ފްލޯގައި ޤާއިމްކުރެވިފައިވާ ޖޮކް ސެންޓަރުން ބަޔޯމެޓްރިކް ޑާޓާ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މިހާރު ދިން މުއްދަތުގެ ތެރޭގައި އެކަށީގެންވާ ސަބަބެއް ނެތި އެކްސްޕެޓް އޮންލައިން ސިސްޓަމުން ބައޯމެޓްރިކްސް އަދާހަމަކޮށްފައި ނުވާ ބިދޭސީން ރާއްޖޭން ޑީޕޯޓްކޮށް، އެ ބިދޭސީންނާމެދު ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް ޤާނޫނުގެ ދަށުން 50،000ރ. އިން ޖޫރިމަނާ ވެސް ކުރާނެ އެވެ.

ބިދޭސީންގެ ބައޯމެޓްރިކްސް ޑޭޓާ ނަގަން "ކުރަނގި" ގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ފެށީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ އެކި ހިސާބުތަކުން 27773 ބިދޭސީއެއްގެ މައުލޫމާތު ނަގައި، ރެކޯޑްކޮށްފައިވެ އެވެ.