ގުދުރަތީ ގޮތުން އައްޑޫ ހުޅުދޫގެ ވަރަށް ހާއްސަ ތަނެއް ކަމަށް "ޑަކް ޕާކް" ގެ ދިރުންތަކަށް ގެއްލުންދޭ މައްސަލަ ބޮޑުވެއްޖެ އެވެ.
މި ފަހުން އެތަނުގައި އޮންނަ ފެންގަނޑުގައި އުޅޭ މަސްތަކުގެ އިތުރުން ތަނުގައި އުޅޭ އަސްދޫނިތައް ދަނީ މަރުވަމުންނެވެ.
އެހެންވެ މިކަން ބައެއް އާންމުން ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށް އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
މިކަމާ ގުޅޭ ގޮތުން ހުޅުދޫ ކައުންސިލަރު ހުސައިން ފައިޒް "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ ޕާކްގެ މަސްތަކާއި އަސްދޫނިތައް މަރު ވަނީ ތަނުގެ ފެންގަނޑުގެ ތެރެއަށް ބަޔަކު ވިހަ އެއްޗެއް އަޅައިގެން އޭގެ ސަބަބުން ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށެވެ.
އެގޮތުން ފާއިތުވި ދެ ހަފުތާގެ ތެރޭގައި މިކަން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ މިހާރު "ޑާކް ޕާކް" ގައި އުޅުނު ހުރިހާ އަސްދޫނިތަކެއް މަރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖެ އިން ބޭރުން ގެނެސްފައި ހުރި އަސްދޫނިތައް ވެސް ހިމެނެ އެވެ.
"އެތަނުގައި އެންމެ ފަހުން އުޅުނު އަށް އަސްދޫންޏާއި އެހެން ބައެއް އެހެން ދޫނިތައް ވެސް މިހާރު މަރުވެފައިވާ އިރު، ފެންގަނޑުގައި އުޅޭ މަސްތައް ވެސް ދަނީ މަރުވަމުން." ފައިޒް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ އަވަށު އޮފީހުގެ ސަމާލު ކަމަށް މިކަން އައުމާ ގުޅިގެން ކަމާބެހޭ އެކި ފަރާތްތަކާ އެ ވާހަކަ ހިއްސާކޮށްފައިވާ ކަމަށެވެ.
"ނަމަވެސް އަސްދޫނިތަކާއި މަސްތައް މަރުވަނީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ބުނާކަށް އަދިއެއް ނޭނގޭ. އެކަމަކު ވަރަށް ބޮޑަށް ބެލެވޭ ބަޔަކު ފެންގަނޑަށް ކޮންމެ ވެސް ކަހަލަ ވިހަ އެއްޗެއް އަޅައިގެން އޭގެ ސަބަބުން ކަމަށް މިގޮތަށް ދިމާވެފައި ވަނީ." ފައިޒް ވިދާޅުވި އެވެ.
އޭނަ ވިދާޅުވީ "ޑާކް ޕާކް" އަކީ ހުޅުދޫގެ ވަރަށް ގިނަ މީހުންނާއި ރަށަށް ޒިޔާރަތްކުރާރާ މީހުން ވެސް ބަލާލަން ވަރަށް ގިނައިން ދާ ތަނެއް ކަމަށެވެ. އެހެންވެ އެފަދަ ހާއްސަ ތަނަކަށް ގެއްލުންވާ ގޮތަށް އެއްވެސް ބަޔަކު، އެއްވެސް ކަހަލަ ކަމެއް ކުރުމަކީ މުޅި ހުޅުދޫގެ ރައްޔިތުންނަށް ލިބޭ ދެރައެެއް ކަމަށް ވިދާޅުވި އެވެ.

"ވަކިން ހާއްސަކޮށް ވީކެންޑެއް ވިއްޔާ ދުވާލެއްގެ މައްޗަށް ފަސްސަތޭކައެއްހާ މީހުން ގޮސް ހިތް އުފާކޮށްލާ ތަނެއް އެއީ. އަދި ކޮންމެ ދުވަހެއްގެ ހަވީރު ކުޑަކުދިން ގޮވައިގެން ވެސް އާއިލާތަކުން ޒިޔާރަތްކުރާ ތަނެއް އެއީ،" ފައިޒް ވިދާޅުވި އެވެ. "އެހެންވެ އެފަދަ ތަނަކަށް ގެއްލުން ދިނުމަކީ ވަރަށް ދެރަ ކަމެއް. އެތަނަކީ ރޭގަނޑު ވެސް ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކުރެވިފައި ހުރި ތަނެއް، ބާބަކިއު ހަދާލަން ދިއުން ކަހަލަ ކަންކަމަށް ވެސް ގިނަ ބަޔަކު ހަމަ އާންމުކޮށް ބޭނުން ކުރަމުން އަންނަ ތަނެއް އެއީ."
އޭނަ ވިދާޅުވީ "ޑަކް ޕާކް" އަށް ގެއްލުންވާ ކަންކަން ފާހަގަވަމުންދާތީ އެތަނުގައި ސީސީޓީ ކެމެރާ ވެސް ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އަދި ދިރުންތައް މަރުވާ މައްސަލަ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ބަލާނެ ކަމަށް ވިދާޅުވި އެވެ.
"މިކަން ފުލުހުންގެ ސަމާލު ކަމަށް ވެސް ގެނެސްފައި ވާނެ." ފައިޒް ވިދާޅުވި އެވެ.