Last Updated: June 8, 15:03
Monday, June 8, 2026
މުނިފޫހިފިލުވުން

އަޖޭގެ 'ދޭ ދޭ ޕިޔާރު ދޭ 2' ނޮވެމްބަރު 14 ގައި

އަޖޭ ދޭވްގަންގެ އާބަން ރޮމޭންޓިކް ކޮމެޑީ "ދޭ ދޭ ޕިޔާރު ދޭ 2" އަންނަ މަހުގެ 14 ގައި ބެލުންތެރިންނަށް ގެނެސްދޭން ނިންމައި، ފިލްމުގެ މޯޝަން ޕޯސްޓަރެއް މިއަދު ދައްކާލައިފި އެވެ.

މި ފިލްމަކީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ލަވް ރަންޖަންގެ ކުންފުނި، ލަވް ފިލްމްސް އާއި ބުޝަން ކުމާރުގެ ޓީ ސީރީޒަށް އަންޝުލް ޝަރުމާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ދެހާސް ނަވާރައިގައި ގެނެސްދިން "ދޭ ދޭ ޕިޔާރު ދޭ" ޑައިރެކްޓްކުރީ އާކިވް އެވެ.

މި ފިލްމުގެ ޕްލޮޓް ބިނާކޮށްފައި އޮތީ ބޮޑެތި ދަރިންތަކެއް ވެސް ތިބި ދުވަސްވީ ފިރިހެނަކު، ޒުވާން އަންހެން ކުއްޖަކާ ލޯބީގެ ގޮތުން ގުޅުމުން ދިމާވާ ކަންތައްތަކުގެ މައްޗަށެވެ. "ދޭ ދޭ ޕިޔާރު ދޭ" ގައި އަޖޭއާ އެކު ބަތަލާއިންގެ ރޯލު ކުޅުނީ ތައްބޫ އާއި ރަކުލް ޕްރީތު ސިންގް އެވެ.

ނަމަވެސް ދެވަނަ ބައިގައި ތައްބޫ ނުހިމެނޭ އިރު، ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ރަކުލް، އާރް މާދްވަން، ގޯތަމީ ކަޕޫރް، އިޝިތާ ދައްތާ، ޖާވިދު ޖެފްރީ އަދި އޭނަގެ ދަރިފުޅު މީޒާން ޖެފްރީ ހިމެނެ އެވެ.

"ދޭ ދޭ ޕިޔާރު ދޭ 2" އަކީ މި އަހަރު ރިލީޒްކުރާ އަޖޭގެ ހަތަރު ވަނަ ފިލްމު އަދި ފަހު ފިލްމެވެ. މަޝްހޫރު ބަތަލާ ކާޖޮލްގެ ފިރިމީހާގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓްގައި ގެނެސްދިން "ސަން އޮފް ސަރުދާރު 2" އެވެ. މި އަހަރު ރިލީޒްވި އަޖޭގެ އެހެން ފިލްމުތަކަކީ "އާޒާދު" އާއި "ރެއިޑް 2" އެވެ.

މީގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަކީ ކްރައިމް ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ރެއިޑް 2" އެވެ.