އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ބޭނުންކޮށްގެން ބައެއް މާއްދާތައް ކިޔަވައި ދޭން ޓީޗަރުން ތަމްރީނުކުރުމުގެ ބޮޑު ކެމްޕެއިނެއް އަންނަ އަހަރު ކުރިއަށް ގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މިއަދު ކްރޮސްރޯޑް މޯލްޑިވްސްގައި ފެށި ޕްރިންސިޕަލުންގެ މަހާސިންތާގައި އޭނަ ވިދާޅުވ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ކުރިއަށް ރޯދަ މަހު ޓީޗަރުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެކަށީގެންވާ މުއްދަތު ހިމަނާފައިވާނެ ކަމަށެވެ.
"އެހެންވެ] ގަސްތުކުރަނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި އެކަމުގެ ފަންނީ ގާބިލުކަން މަތިކުރުމަށްޓަކައި ދޭންޖެހޭ ޓްރޭނިން މި މުއްދަތުގެ ތެރޭގައި ދިނުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ޝަފީއު ވިދާޅުވީ ދިރިއުޅުމާ ދޭތެރޭގައި ވިސްނާ، ގައުމާއި ދުނިޔެއާ ދޭތެރޭ އުފެއްދުންތެރި ވިސްނުންތެރި ކުދިން އުފެއްދޭނީ، ކިއުރިއަސް މައިންޑްތަކެއް ސްކޫލު ދައުރުގައި އުފެއްދިގެން ކަމަށެވެ.
"ކިއުރިއަސް މައިންޑްތަކެއް އެބަޖެހޭ ހަގީގަތުގައި ވެސް އުފައްދަން. ކަރިކިއުލަމްއަށް ބަދަލުތަކެއް އެބަގެންނަން ޖެހޭ. ކަރިކިއުލަމަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ، އޭގެ މެޕިންގެ މަސައްކަތްތައް މިހާރު ވާނީ ނިމިފައި،" މިނިސްޓަރު ވިދާޅުވި އެވެ. "މި ފެށޭ އަހަރުގެ ތެރޭގައި އަޅުގަނޑުމެން ކޮންޓެންޓް ރިވިއުގެ ބޮޑު މަސައްކަތްތަކެއް ކުރިއަށް ގެންދާނަން."