ގަތަރުގެ އެއާ ފޯސް ފެސިލިޓީއެއް އެމެރިކާގައި ހަދަން ފުރުސަތު ފަހިކޮށްދީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި އެމެރިކާގެ ފަރާތުން އިއްޔެ ސޮއިކުރެއްވީ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތެވެ. ގަތަރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ޑިފެންސް އެފެއާޒް މިނިސްޓަރު ސުއޫދު ބިން އަބްދުއްރަހުމާން އަލް ތާނީ އެވެ.
ގަތަރުގެ އެއާ ފޯސް ފެސިލިޓީ ގާއިމު ކުރަން ނިންމާފައި ވަނީ އެމެރިކާގެ އިޑާހޯ ސްޓޭޓްގެ މައުންޓެއިން ހޯމް އެއާބޭސްގައި ކަމަށް ހެގްސެތު ވިދާޅުވި އެެވެ.
އޭނަ ވިދާޅުވީ ގަތަރުން އެމެރިކާގައި އެއާ ފޯސް ފެސިލިޓީއެއް ގާއިމު ކުރުމަކީ ދެ ގައުމުގެ މެދުގައި ވަރުގަދަ ގުޅުން ދައްކުވައިދޭނެ ކަމަށާއި މިކަމުގެ ސަބަބުން ގުޅުން އިތުރު ބަދަހިވުމަށް ވެސް މަގުފަހި ވާނެ ކަމަށެވެ.
"އެއާފޯސް ފެސިލިޓީއެއް ހަދަން އެއްބަސްވުމަކީ މީގެ މިސާލެއް." ހެގްސެތު ވިދާޅުވި އެވެ.
ގަތަރުން އެމެރިކާގައު ގާއިމުކުރާ ފެސިލިޓީ ގަލްފްގެ ގައުމުތަކަށް އެފް-15 ފައިޓާ ޖެޓަށް ޕައިލެޓުން ތަމްރީނު ކުރާނެ އެވެ. ނަމަވެސް އިޑާހޯގެ ފެސިލިޓީގައި ގަތަރުގެ ކިތައް ޖެޓް ބޭނުން ކުރާނެކަމާއި އެތަނުގެ އޮޕަރޭޝަނާ ބެހޭ އިތުރު ތަފުސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ.
އެމެރިކާގައި ގަތަރުގެ އެއާ ފޯސް ފެސިލިޓީއެއް ހަދާ އިރު، މެދު އިރުމަތީގައި ވާ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ގާއިމުކޮށްފައި އޮންނަނީ ގަތަރުގަ އެވެ.