"ގެދޮރުވެރިޔާ" ސްކީމް ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުތަކުގެ ވެރިން، އެއްބަސްވުމާ ހިލާފަށް ފްލެޓުތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް ފްލެޓުތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.
ފުލެޓު ދީ ނުނިމި އުޅެނިކޮށް ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޭން ސޯޝަލް މީޑިއާގައި މިހާރުވެސް ވަނީ އިޝްތިހާރުތައް ކުރަން ފަށައިފަ އެވެ. އެގޮތުން ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000ރ. އަށް ކުއްޔަށް ދޫކުރަން ވެސް އިޝްތިހާރު ޖަހާފައިވެ އެވެ. އެތަނުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 11،500ރ. އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ދޫކުރަމުންދާ ފްލެޓްތަކަކީ ބޯހިޔާވަހިކަމަށް އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް އިސްކަން ދީގެން ދޫކުރާ ފްލެޓްތަކެއް ކަމަށެވެ.
އަދި އެއްބަސްވުމާ ޚިލާފަށް ފުލެޓު ކުއްޔަށް ދޭ ނަމަ، ފްލެޓު ކުއްޔަށް ދޭ ފަރާތްތައް ހޯދާ އެއްބަސްވުމުގައި ވާ ގޮތުގެ މަތިން އެ ފަރާތްތަކާއި އެކު ހެދިފައިވާ އެއްބަސްވުން ބާޠިލްކޮށް ފްލެޓް އަތުލެވޭނެ ކަމަށް ހަމްދާން ވިދާޅުވި އެވެ.
ސޯޝަލް ހައުސިންގެ ފްލެޓެއް ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ.