Last Updated: July 3, 23:06
Friday, July 3, 2026
ޚަބަރު

ކުއްޔަށް ދީފައިވާ ފްލެޓްތައް އަތުލަން، ބަލައި ފާސްކުރަން ފަށަނީ

ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް.

ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފެށުމަށް ނިންމައިފި އެވެ.

"ގެދޮރުވެރިޔާ" ސްކީމް ދަށުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓުތައް ދީ ނުނިމި އުޅެނިކޮށް ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޭން ސޯޝަލް މީޑިއާގައި މިހާރުވެސް ވަނީ އިޝްތިހާރުތައް ކުރަން ފަށައިފަ އެވެ. އެގޮތުން ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000ރ. އަށް ކުއްޔަށް ދޫކުރަން ވެސް އިޝްތިހާރު ޖަހާފައިވެ އެވެ. އެތަނުގެ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައި ވަނީ 11،500ރ. އެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒް ކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމުގައިވާތީ، އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.

"އެހެންކަމުން އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫ ން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ،" މުއްތަލިބް ވިދާޅުވި އެވެ.

އެގޮތުން، ސޯޝަލް ހައުސިންގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ފްލެޓްތައް ކުއްޔަށް ދިނުން އާންމު ކަމަކަށް ވެފައިވާއިރު، ސޯޝަލް ހައުސިންގެ ފްލެޓްތައް ކުއްޔަށް ދިނުމަކީ މަނާ ކަމެކެވެ.