Last Updated: July 3, 23:06
Friday, July 3, 2026
ޚަބަރު

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހެދުމުން ލިބޭނީ ނިކަމެތިކަން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން - ފޮޓޯ: މަޖިލިސް

އައްޑޫ ސިޓީގައި ވަކިވަކި ކައުންސިލްތައް ހެދުމަކީ ރައްޔިތުންނަށް ނިކަމެތިކަން ލިބުމުގެ ފުރުސަތު ބޮޑު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މި މަހު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.

މިކަމާ ގުޅިގެން އަޒާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އައްޑޫއަށް ނިސްބަތްވާ ސިޔާސީ މީހުންނަށް އަދި އައްޑޫ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ބާރުވެރިކަމަކީ، މާލެ ފިޔަވައި ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީގެ ގޮތުގައި އެއް އަޑަކުން އަޑު އިއްވުމުގެ ފުރުސަތު އޮތުން ކަމަށެވެ.

އަދި ވަކިވަކި ކައުންސިލް ހަދައި، މިހާރު މި އޮތް އައްޑޫ ސިޓީ ކައުންސިލުން ވަކިވުމަކީ، މި ބާރުވެރިކަން އަތުން ބީވެ، ސިޔާސީ ގޮތުން އައްޑޫ އަށް ނިސްބަތްވާ ރައްޔިތުންނަށް ޖުމްލަ ގޮތެއްގައި ނިކަމެތިކަން ލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމެއް ކަމަށް އަޒާން ވިދާޅުވި އެވެ.

އަޒާން ވިދާޅުވީ ޒަމާނުއްސުރެ އައްޑޫގައި ވެރިކަން ކުރަނީ ހިތަދޫގައި ކަމަށްވާތީ، އިދާރީ އިންތިޒާމުތައް ގާއިމުވެފައި ހުރި ގޮތުން އެހެން އަވަށްތަކުގެ ރައްޔިތުންނަށް ދަތިތަކާއި ކަންބޮޑުވުންތަކާއި ކުރިމަތިވާކަމީ ހަގީގަތެއް ކަމަށެވެ. ނަމަވެސް އެ ކަންކަމަށް އެންމެން އެކަތިގަނޑެއްގެ ގޮތުގައި ތިބެ، ސިޓީ ކައުންސިލްގެ އިދާރީ އިންތިޒާމުތައް ރޭވިފައި ހުރި ގޮތްތަކަށް ބަދަލުތައް ގެނެސްގެން ހައްލު ހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަށް މަސައްކަތް ކުރަން ތައްޔާރަށް ހުންނެވި ކަމަށްވެސް އަޒާން ވިދާޅުވި އެވެ.

އަޒާން ވަނީ މި މަހު 25 ގައި ނަގާ ވޯޓުގައި ފޭދޫ، މީދޫ އަދި ހުޅުދޫ ރައްޔިތުން އައްޑޫގައި ވަކި ކައުންސިލްތައް ހަދަން ނުފެންނަ ކަމަށް ވޯޓު ދިނުމަށް ވެސް އެދިފަ އެވެ.