Last Updated: July 3, 23:06
Friday, July 3, 2026
ޚަބަރު

ގަވާއިދާ ހިލާފަށް އުޅުނު 9 ބިދޭސީއަކު އަތުލައިގެންފި

މޯލްޑިވްސް އިމިގްރޭޝަނުން މާލޭގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް އުޅުނު 9 ބިދޭސީއަކު އަތުލައިގެންފި އެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިތައް ހިންގާ އެފަދަ ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށް ޓާސްކްފޯސްއިން ކުރިއަށް ގެންދާ އޮޕަރޭޝަންގައި އިއްޔެ މާލޭގެ ރޯޝަނީ މަގާއި އެ މަގާއި ގުޅިފައިވާ ގޯޅިތަކުގައި އުޅެމުންދިޔަ 104 ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 9 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ހޯމް މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 8،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުން ނިސްބަތްވާ ޤައުމުތަކަށް ފޮނުވާލާފަ އެވެ.