Last Updated: July 3, 23:06
Friday, July 3, 2026
ޚަބަރު

ޓޫރިޒަމް ދާއިރާ ތަރައްގީކުރަން ސަރުކާރުގެ އެއްބާރުލުން ލިބޭނެ

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރުން ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ތިންވަނަ މޯލްޑިވްސް ޓުއަރިޒަމް އެވޯޑްސް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު ތާރިގު ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވައި ތަރައްގީކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށާއި އަދި މި ކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެގޮތުން، ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުގެ ސިނާއަތު ތަރައްގީކުރުމަށް މަގު ފަހިކޮށްދީ، މި ސިނާއަތަށް ސަރުކާރުގެ ފަރާތުން ބޭނުންވާނޭ އެހީތައް ފޯރުކޮށްދިނުން ކަމަށް ވިދާޅުވި އެވެ.

އަދި ކުރިއަށް އޮތް އަހަރުގައި އިތުރު އެވޯޑުތަކެއް ތައާރަފުކުރާނެ ކަމަށާއި މިގޮތުން، އަންހެނުން ބާރުވެރިކުރުވުމާއި، ރާއްޖޭގެ ސަގާފީ އަދި އަތްތެރި މަސައްކަތްތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ މަސައްކަތް ފާހަގަކޮށް، އެވޯޑު ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޕްރޮފެޝަނަލް ދާއިރާއިން ވަކިވަކި ފަރުދުން ހޯދާ ކާމިޔާބާއި ކުރައްވާ މަސައްކަތްތައް ފާހަގަކޮށް އެވޯޑު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މި އެވޯޑުތަކަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރައްވާ މަސައްކަތްތައް ފާހަގަކޮށް، ހިތްވަރުދިނުމުގެ ގޮތުން 2022 ގައި ތައާރަފުކޮށްފައިވާ އެވޯޑެކެވެ. މި އެވޯޑުތަކުގައި ހިމެނޭ ދާއިރާތަކަކީ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، މުޖުތަމައު ބާރުވެރިކުރުވުމާއި، އަދި ތިމާވެށި ރައްކާތެރިކުރުމެވެ.

މި އަހަރުގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ފަތުރުވެރިކަމުގެ ހިދުމަތްދޭ 8 ފެސިލިޓީއަކަށް ޖުމްލަ 10 އެވޯޑު ވަނީ ހަވާލުކޮށްފައިވެ އެވެ.