Last Updated: June 8, 15:03
Monday, June 8, 2026
މުނިފޫހިފިލުވުން

ފިލްމުފެއާ އެވޯޑްސް: މޮޅު ފިލްމަކީ 'ލާޕަތާ ލޭޑީސް'

އިންޑިއާގެ އޮސްކާ އެވޯޑްގެ ގޮތުގައި ސިފަކުރާ ފިލްމުފެއާ އެވޯޑްސްގެ މި އަހަރުގެ އެންމެ މޮޅު ފިލްމުގެ މަގާމު އާމިރު ޚާން ޕްރޮޑިއުސްކުރި "ލާޕަތާ ލޭޑީސް" އަށް ލިބިއްޖެ އެވެ.

އެ ފިލްމަކީ އޭނަގެ ކުރީގެ އަންހެނުން ކިރަން ރާއޯ ޑައިރެކްޓްކުރި ފިލްމެކެވެ. "ލާޕަތާ ލޭޑީސް" އަކީ މި އަހަރުގެ އޮސްކާ އެވޯޑަށް ވެސްއިންޑިއާ އިން ފޮނުވި ފިލްމެވެ.

ރޭ އަހުމަދުއާބާދުގައި ބޭއްވި ފިލްމުފެއާގެ 70 ވަނަ އެވޯޑް ހަފުލާގައި އެ ފިލްމަށް ލިބުނު އެވޯޑްތަކުގެ ތެރޭގައި ކިރަން އަށް ލިބުނު އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑާއި އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑާއި ޕްރަތިބާ ރަތުނާ އަށް ލިބުނު އެންމެ މޮޅު ބަތަލާ ކްރިޓިކްސް އެވޯޑާއި ނިތާންޝީ ގޮއެލް އަށް ލިބުނު އެންމެ މޮޅު އާ ބަތަލާގެ އެވޯޑާއި ރަވީ ކިޝަން އަށް ލިބުނު އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑާއި ޗާޔާ ގަދަމް އަށް ލިބުނު އެންމެ މޮޅު ސަޕޯޓިން ބަތަލާގެ އެވޯޑާއި އެންމެ މޮޅު ޑައިލޮގްގެ އެވޯޑާއި ފިލްމުގެ ލަވަތަކުގެ ތެރެއިން "ސަޖްނީ" އަށް ލިބުނު އެންމެ މޮޅު ޅެމުގެ އެވޯޑާއި އެ ލަވަ އިން އަރިޖިތު ސިންގް އަށް ލިބުނު އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔާގެ އެވޯޑާއި އެންމެ މޮޅު މިއުޒިކް އަލްބަމްގެ އެވޯޑާއި އެންމެ މޮޅު ބެކްގްރައުންޑް ސްކޯގެ އެވޯޑްގެ އިތުރުން އެންމެ މޮޅު ކޮސްޓިއުމްގެ އެވޯޑް ހިމެނެ އެވެ.

ފިލްމުފެއާ އެވޯޑްސްގެ އުސްއަލިތައް:

* އެންމެ މޮޅު ބަތަލާ: އާލިއާ ބަޓް (ޖިގްރާ)
* އެންމެ މޮޅު އެކްޓަރު: ކާތިކް އާރިއަން (ޗަންދޫ ޗެމްޕިއަން) އަދި އަބީޝެކް ބައްޗަން (އައި ވޯންޓް ޓު ޓޯކް ޔޫ)
* އެންމެ މޮޅު އާ އެކްޓަރު: ލަކްޝް ލަލްވާނީ (ކިލް)
* އެންމެ މޮޅު ފިލްމު (ކްރިޓިކްސް): އައި ވޯންޓް ޓު ޓޯކް ޔޫ
* އެންމެ މޮޅު އެކްޓަރު (ކްރިޓިކްސް): ރާޖްކުމާރު ރާއޯ (ސްރީކާންތު)
* އެންމެ މޮޅު ވާހަކަ: އާޓިކަލް 370
* އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ: މަދޫބަންތީ ބަގްޗީ، އާޖް ކީ ރާތު (އިސްތިރީ 2)
* އެންމެ މޮޅު އެކްޝަން: ކިލް
* އެންމެ މޮޅު އާ ޑައިރެކްޓަރު: ކުނާލް ކޭމޫ (މަޑްގާއޯ އެކްސްޕްރެސް) އަދި އަދިތިއާ ސުހާސް (އާޓިކަލް 370)
* އެންމެ މޮޅު ކޮރިއޮގްރަފީ: ބޮސްކޯ-ސީޒާ ތޯބާ ތޯބާ (ބޭޑް ނިއުސް)
* އެންމެ މޮޅު ސިނަމަޓޯގްރަފީ: ކިލް
* އެންމެ މޮޅު އެޑިޓިން: ކިލް
* އެންމެ މޮޅު ސައުންޑް ޑިޒައިން: ކިލް
* އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިން: ކިލް
* އެންމެ މޮޅު ވީއެފްއެކްސް: މުންޖިއާ
* އެންމެ މޮޅު އެޑަޕްޓެޑް ސްކްރީންޕްލޭ: އައި ވޯންޓް ޓު ޓޯކް
* ލައިފްޓައިމް އެޗީވްމަންޓް އެވޯޑް: ބަތަލާ ޒީނަތު އަމަން އަދި ޑައިރެކްޓަރު ޝާމް ބެނެގާލް
* ބެސްޓް ސިނެ އައިކޮން އެވޯޑް: ޖާޔާ ބައްޗަން، ނޫޓާން، ދިލިޕް ކުމާރު، މީނާ ކުމާރީ އަދި ޑައިރެކްޓަރު ބިމާލް ރޯއި
* އާރްޑީ ބަރްމަން އެވޯޑް ފޯ އަޕްކަމިން ޓެލެންޓް އިން މިއުޒިކް: އަޗިންތު ތައްކަރް (ޖިގްރާ އަދި މިސްޓަ އެންޑް މިސިޒް މާހީ)

ބައެއް ތަރިންގެ ސްޓޭޖް ހުށަހެޅުންތަކެއް ވެސް ފެނިގެން ދިޔަ ވަރަށް ފޯރިގަދަ އަދި އެހާމެ ކުލަގަދަ އެވޯޑް ހަފުލާއެއްގެ ގޮތުގައި ފާހަގަކޮށްލެވުނު 70 ވަނަ ފިލްމުފެއާ އެވޯޑް ހޯސްޓްކުރީ ޝާހްރުކް ޚާނެވެ.