Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

ޕަބްލިކް އޯޑާގެ 49 ވަނަ ބުރު ނިންމާލައިފި

ފުލުހުންގެ ޕަބްލިކް އޯޑާ ޓްރެއިނިން ކޯހުގެ 49 ވަނަ ބުރު ނިންމާލައިފި އެވެ.

އޭގެ ނިމުން ފާހަގަ ކުރަން އދ. މަހިބަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލެވެ.

މިދިޔަ މަހުގެ 6 އިން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަށް މަހިބަދޫގައި ކުރިއަށް ގެންދިޔަ ކޯހުގައި، ޕަބްލިކް ޑިސްއޯޑާ ހާލަތްތަކުގައި ކެރިގެން ކުރިމަތިލުމަށް ފުލުހުން ތަމްރީނުކޮށްފައިވެ އެވެ.

މި ކޯހުގައި ފުލުހުން ބޭނުންކުރާ ލެސްލީތަލް ހަތިޔާރު ބޭނުން ކުރުމަށް ތަމްރީނުދީފައިވެ އެވެ. އަދި ކޯހުގެ ތެރެއިން ކިޔަވައި ދެވުނު ހުރިހާ މާއްދާތައް ހިމެނޭހެން އަމަލީ މައިދާނުގައި ދިމާވާ ކަންކަމަށް ބިނާކޮށް ސިމިއުލޭޝަން އެކްސަސައިޒެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

ކޯހުގެ އެއްވަނަ އަށް ހޮވިފައި ވަނީ ކޮންސްޓަބަލް އަބްދުﷲ ޒިޔާން އަލީ އެވެ.

މި ކޯސް 30 ފުލުހަކު ފުރިހަމަކުރި އެވެ. އެއޯ 26 ފިރިހެން ފުލުހުންނާއި އަންހެން ހަތަރު ފުލުހެކެވެ.