Last Updated: July 12, 06:09
Sunday, July 12, 2026
ޚަބަރު

ޤުރުއާން މުބާރާތުގެ ރަންވަނަތައް ޝާޔާ، ޝަބާ އަދި ޝައިމަށް

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް ފާޠިމަތު ޝާޔާ ޒާހިރާއި ޢައިޝަތު ޝަބާ އަދި އަޙްމަދު ޝައިމް ރިޒާ އަށް ލިބިއްޖެއެވެ.

ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައި ވަނީ ތަދްރީސުލް ޤުރުއާނުލް ކަރީމްގެ ފަރާތުން ބައިވެރިވި ޝާޔާ އެވެ. މުޅި މުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައި ވަނީ މިލަދުންމަޑުުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި ޝަބާ އެވެ.

އަދި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ ޚާޞިލްކުރީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ފަރާތުން ބައިވެރިވި އަޙްމަދު ޝައިމް އެވެ.

މިއީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރަތުގެ ރަންވަނަތަކަށް އެންމެ އަގުހުރި އިނާމުތައް ދެވިގެން ދިޔަ އަހަރުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފަޚުރުވެރި ވަނަތަކަށް މި އަހަރު ދެވުނު އިނާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 100،000ރ. ފައިސާގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުތަކާއި، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީއެޗްޑީ އަށް ކިޔެވުމަށް ރައީސް ދެއްވާ ޚާއްޞަ ސްކޮލަޝިޕާއި، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސް އާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޭ 75،000ރ. ގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީއާއި އަދި މޯލްވިސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދެވުނު ޢުމްރާ ދަތުރެކެވެ.

ރޭ ބޭއްވި ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ރަންވަނަތަކަށް އިނާމުތައް ހަވާލުކޮށް ދެއްވީ ރައީސއް ޑރ. މުޙައްމަދު މުޢިއްޒެވެ.