Last Updated: June 5, 22:30
Saturday, June 6, 2026
ރިޕޯޓް

މިއަދުގެ ހާލަތާ މެދު ފުންކޮށް ވިސްނާލަމާ!

ދިވެހިރާއްޖޭގެ މިހާރުގެ ދުސްތޫރީ އަދި ޤާނޫނީ އޮނިގަނޑަކީ ޤައުމުގެ އާންމު ރައްޔިތުންގެ މަޞްލަޙަތަށް ވުރެ ވަކި ޚާއްޞަ ބައެއްގެ މަންފާއަށް އިސްކަންދޭ ނިޒާމެއް ކަމަށް ފާހަގަކުރެވެ އެވެ. ވަގުތު ފާއިތުވަމުންދާ ވަރަކަށް، މި ނިޒާމު އާބާދީގެ 1 އިންސައްތައަށް ވުރެ މަދު އަދަދެއްގެ އެންމެ މުއްސަނދި ފަރާތްތަކުގެ މަޞްލަޙަތުތަކަށް ބުރަވަމުންދާކަން ފާހަގަކުރެވެއެވެ. މީގެ ސަބަބުން މަސައްކަތްތެރިންނާއި މެދުފަންތީގެ ރައްޔިތުންގެ ބާރު ދަނީ ނިކަމެތިވަމުންނެވެ.

މި މަގުން ކުރިއަށްދާ ނަމަ، ރާއްޖޭގެ މެދުފަންތީގެ އާބާދީ ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެދާނެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ޤައުމުގައި ދިރިއުޅޭން ޖެހޭނީ ހަމައެކަނި އެންމެ މުއްސަނދި ފަރާތްތަކާއި އެންމެ ނިކަމެތި ފަޤީރުން އެކަނި ކަމަށް ވެދާނެ އެވެ.

މުޖުތަމަޢުގެ މިފަދަ އިންބެލެންސްގެ ސަބަބުން، ޤައުމުގެ އިޤްތިޞާދީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި މަތީ އުޖޫރައިގެ ބިދޭސީންނަށް ބަރޯސާވެ، ނުފޫޒާއި، ރައްޔިތުކަމާއި، ބާރުވެރިކަން މުއްސަނދި ފަރާތްތަކުގެ އަތްމައްޗަށް ލިބިގެންދިއުމުގެ ފުރުޞަތު އެބަ އޮތެވެ. މީގެ ސަބަބުން ދިވެހި ރައްޔިތުންގެ އަމިއްލަވަންތަކަން ގެއްލިގެންދިއުމުގެ ފުރުސަތު ވަރަށްބޮޑެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މިނިވަންކަން އަލުން ހޯދުމަށްޓަކައި މަސައްކަތްކުރަން ޖެހޭ ވަގުތު މިހާރު މިވަނީ އައިސްފައެވެ. މިކަމަށްޓަކައި އަޅުގަނޑުމެން އަމާޒު ހިފަން ވާނީ ވަކި ފަރުދުންގެ މަޞްލަޙަތަކަށް ނޫނެވެ.

އޭގެ ބަދަލުގައި، އިންސާފުވެރިކަމާއި، ހަމަހަމަކަމާއި، އިސްލާމީ އަޚްލާޤީލާޤީ މިންގަނޑުތައް ދަމަހައްޓާ ނިޒާމެއް ޤާއިމު ކުރުމަށެވެ.

މިސާލެއްގެ ގޮތުން، މި މަހުގެ ފަހުކޮޅު އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓު ފާހަގަކޮށްލާނަމެވެ. އައްޑޫ ސިޓީ އަކީ އެއް އިދާރީ ވަޙްދަތެކެވެ. ނަމަވެސް، މި ވޯޓުގައި ބައިވެރިވުމުގެ ފުރުޞަތު ދެވިފައި ވަނީ ހަމައެކަނި ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށެވެ. މި ވޯޓަކީ އެ ރަށްތައް ސިޓީގައި ދެމިތިބުމާ މެދު ނުވަތަ ސިޓީއިން ވަކިވުމާ މެދު ނަގާ ވޯޓެކެވެ.

ހިތަދޫ، މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނަށް މި ވޯޓުގައި ބައިވެރިވުމުގެ ފުރުޞަތު ދެވިފައެއް ނުވެ އެވެ. އެއް ސިޓީއެއްގެ ވަކި ބައެއްގެ މެދުގައި މިފަދަ ވޯޓެއް ޤާނޫނީ ހަމަތަކުގެ މަތިން ނެގުމުގެ އުސޫލެއް އޮތްކަމަކަށް ނުފެނެ އެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، ފޭދޫގެ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާތީ، ފޭދޫ މި ވޯޓުގައި ބައިވެރި ކުރެވިފައި ވަނީ އެވެ.

އެހެން ނަމަވެސް، މި ހުށަހެޅުން ހުށަހެޅި ފަރާތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައި ނުވާކަން ފާހަގަކުރަމެވެ. ރައްޔިތުންގެ ޙައްޤުތަކާއި މަޞްލަޙަތު ޙިމާޔަތްކުރުމުގެ ގޮތުން، މިފަދަ ހުށަހެޅުމެއް ހުށަހެޅި ފަރާތް ނުވަތަ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމުވެގެންވާ ޤާނޫނީ އަދި އަޚްލާޤީ މަސްއޫލިއްޔަތެކެވެ. މީގެ އިތުރުން، މިފަދަ ޙައްސާސް މައްސަލައެއްގެ ފުރިހަމަ މަޢުލޫމާތު ހާމަކުރުމަކީ ޑިމޮކްރެޓިކް މުޖުތަމަޢުއެއްގައި ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ޙައްޤެކެވެ.

އެހެންކަމުން، މިކަމާ ގުޅޭގޮތުން ރައްޔިތުންނަށް ފުރިހަމަ މަޢުލޫމާތު ލިބިފައިނުވާކަން ކަންބޮޑުވުމާއެކު ފާހަގަކުރަމެވެ. މި މަޢުލޫމާތުގެ ޝައްފާފުކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ޒިންމާދާރުކަމާއި ޖަވާބުދާރީވުން އިތުރުކުރުމަށް މުހިންމު ކަމެއް ކަމުގައި ދެކެމެވެ

ޤައުމީ މުހިންމު މަޤާމުތަކަށް މީހުން ހޮވުމުގައި، ހަމައެކަނި މާލީ ގުޅުންތަކަށް އަޅުގަނޑުމެން ބަލައިގެން ނުވާނެ އެވެ. އޭގެ ބަދަލުގައި، ކޮންމެ ރައްޔިތަކަށްވެސް ބާރުވެރިކަން ލިބިދޭ، ރައްޔިތުން މަރުކަޒުކޮށްފައިވާ ދުސްތޫރީ ނިޒާމަކަށް އިސްކަންދޭން ވާނެ އެވެ. ދެމެހެއްޓެނިވި ޤައުމެއް ބިނާކުރެވޭނީ އިމްތިޔާޒުތަކުގެ މައްޗަކަށް ނޫނެވެ. އެހެނަސް އިންސާފާއި ހާމަކަން ބޮޑު ހަމަހަމަކަމުގެ މައްޗަށެވެ.

ރާއްޖެ ނިސްބަތް ވަނީ މި ޤައުމުގެ ރައްޔިތުންނަށެވެ. އަޅުގަނޑުމެންގެ ޤާނޫނުތަކުން މި ޙަޤީޤަތް ދައްކުވައި ދޭން ޖެހޭ ވަގުތު މިހާރު މި ވަނީ އައިސްފަ އެވެ. އެހެންކަމުން، ރައްޔިތުންގެ މަޖިލީހަށާއި ކައުންސިލްތަކަށް ޤާބިލު، ތަޢުލީމީ ޒުވާނުން އިންތިޚާބުކުރުމަކީ މުހިންމު ކަމެކެވެ. އަޅުގަނޑުމެންގެ ޤައުމު ހަރުދަނާ އަދި ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނީ މިފަދަ ބަދަލުތަކެއް ގެނައުމުންނެވެ.

މީގެ އިތުރުން ވެސް، އަޅުގަނޑުމެން އަމާޒު ހިފަންވާނީ އިޤްތިޞާދީ ހަމަހަމަކަން ކުރިއެރުވުމަށެވެ. އެގޮތުން މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެ، ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށް، އާމްދަނީގެ ފަރަގު ކުޑަކުރުމަށް އަޅުގަނޑުމެން މަސައްކަތްކުރަން ވާނެ އެވެ. ތަޢުލީމީ ނިޒާމު ހަރުދަނާކޮށް، ހުރިހާ ރައްޔިތުންނަށް ވެސް ފެންވަރު ރަނގަޅު ތަޢުލީމު ލިބޭނެ މަގު ތަނަވަސްކޮށްދީ، މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ ކުދިންނަށް ހަމަހަމަ ފުރުޞަތުތައް ފަހިކޮށް ދޭން ވާނެ އެވެ.

ޞިއްޙީ ޚިދުމަތްތައް ފުޅާކުރުމާއިއެކު، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ހުރިހާ ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައި، ޚާއްޞަކޮށް ނިކަމެތި ފަރާތްތަކަށް މި ޚިދުމަތްތައް ފޯރުކޮށް ދިނުމަށް އިސްކަން ދޭން ވާނެ އެވެ. ތިމާވެށި ރައްކާކޮށް، ދެެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތަކަށް ބަލައި، ޤުދުރަތީ ވަސީލަތްތައް ރައްކާތެރިކޮށް، ތިމާވެށްޓާ ރައްޓެހި ސިޔާސަތުތައް ތަންފީޒުކުރަން ވާނެ އެވެ.

ހަރުދަނާ ވެރިކަމެއް ޤާއިމު ކުރުމަށް އަޅުގަނޑުމެންނަކަށް މުއިއްޒެއް، އިބޫއެއް، ޔާމީނެއްވެސް މުހިންމެއް ނޫނެވެ. އަޅުގަނޑުމެންނަށް މުހިންމު ވާން ޖެހޭނީ ސަރުކާރުގެ ހިންގުން ހާމަކަން ބޮޑުކޮށް، ކޮރަޕްޝަން ހުއްޓުވައި، ރައްޔިތުންގެ ބައިވެރިވުމާއެކު ރައްޖޭގައި ހަމަހަމަ އިގުތިސާދެއް ބިނާކުރަން އެނގިވަޑައިގަންނަވާ ހަރުދަނާ ވެރިއެކެވެ.

ޕްރޮފެސަރު ހަސަން އުގައިލު ވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެކެވެ؛ ގައުމު ދެކެ ހަގީގީ ލޯބިވާ މީހަކު، ސިޔާސީ ގޮތުން ކުރި ހޯދަން ރައީސް މުޢިއްޒު ފަދައިން ރައްޔިތުންނަށް ދޮގެއް ނަހަދާނެ އެވެ.

މި ހުރިހާ ކަމެއް ޙާޞިލު ކުރެވޭނީ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، އެންމެން އެކުގައި މަސައްކަތްކޮށްގެންނެވެ. އަޅުގަނޑުމެންގެ ކުރިމަގު ބައްޓަންކުރުމުގައި ކޮންމެ ރައްޔިތެއްގެ ވެސް ދައުރެއް އޮންނަންވާނެ އެވެ. މިގޮތުން، ޒުވާނުންނާއި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، އެމީހުންގެ އަޑު އުފުލުމަށް ފުުރުޞަތު ދޭން ވާނެ އެވެ.

ރާއްޖެއަކީ އިސްލާމީ އަޤީދާގެ މައްޗަށް ބިނާވެފައިވާ، ދިވެހި އަމިއްލަވަންތަކަން ދަމަހައްޓާ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ކުރިއަރާފައިވާ ޤައުމަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ އެވެ. އެއީ އަޅުގަނޑުމެން އެންމެންގެ ޤައުމީ ވާޖިބެކެވެ.

ނޯޓް: މިއީ ޢަބްދުﷲ ރަޝީދު (މޫނިމާ) ގެ ލިޔުމެކެވެ.