Last Updated: July 3, 23:06
Friday, July 3, 2026
ޚަބަރު

ކުޑަކުދިން މަރުވި ބޭސް ރާއްޖޭގައި ނުވިއްކާ: އެމްއެފްޑީއޭ

އިންޑިއާގައި ކުޑަކުދިންތަކެއް މަރުވާން މެދުވެރިވި ބޭހަކީ ރާއްޖެ އެތެރެކޮށް ވިއްކާ ބޭހެއް ނޫންކަމަށް މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ކެއްސުމަށް ބޭނުންކުރާ ތިން ބޭހެއްގައި ވިހަ މާއްދާއެއް ކަމަށްވާ ޑައިތީލް ގްލައިކޯލް ހުރެގެން އެ ބޭސް ބޭނުން ކުރުމާއި ވިއްކުން މަނާކޮށްފައިވާކަން ސައުތު އީސްޓް އޭޝިއާ ރީޖަން ނެޓްވޯކް (އެސްއީއޭއާރްއެން) އިން އެމްއެފްޑީއޭގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

"މި އެލާޓުގައި ފާހަގަކޮށްފައިވާ ތިން ކުންފުންޏަކީ، މި އޮތޯރިޓީން ބޭސް އިމްޕޯޓް ކުރުމަށް ހުއްދަ ދީފައިވާ ކުންފުނިތަކެއް ނޫނެވެ. މި ކުންފުނިތަކުން އުފައްދާ އެއްވެސް ބޭހެއް، އިމްޕޯޓްކުރުމަށް ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން، ރާއްޖެ އިމްޕޯޓްކޮށްފައިނުވާކަން ވަނީ ޔަގީންކުރެވިފަ،" އެމްއެފްޑީއޭއިން ބުންޏެވެ.

ވިހަ މާއްދާ އެކުލެވޭ ބޭސްތަކަކާއި އުފައްދާ ކުންފުނިތަކަކީ:

– ސިރަޕް ކޯލްޑްރިފް – ސްރީސަން ޕާމަސޫޓިކަލް
– ރެސްޕިފްރެޝް – ރެޑްނެކް ޕާމަސޫޓިކަލް ޕްރައިވެޓް ލިމިޓެޑް
– ސިރަޕް ރީލައިފް – ޝޭޕް ޕާމާ ޕްރައިވެޓް ލިމިޓެޑް

ނަމަވެސް އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވެފައި، ބައެއް ފަހަރު އަމިއްލައަށް ވެސް އެ ގައުމުން ބޭސް ގެންނާތީ ސަމާލުވުމަށް އެމްއެފްޑީއޭން އިލްތިމާސްކުރެ އެވެ.

ރާއްޖެ އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރަން، ވަކިން ހާއްސަކޮށް ތުއްތު ކުދިންނަށް ދޭ ބޭހުގައި މިހާރު ފާހަގަ ކުރެވެމުންދާ މައްސަލަ ހައްލުކުރުމަށް އަބަދުވެސް އެމްއެފްޑީއޭއިން ފިޔަވަޅު އަޅަމުންދާކަމަށް އެ އިދާރާއިން ބުންޏެވެ.

އެގޮތުން މިހާރު ގާއިމުކޮށް ތަންފީޒު ކުރަމުންދާ އެންމެ މުހިންމު ފިޔަވަޅަކީ، ކެއްސުމާއި ރޯގާއަށް ބޭނުންކުރާ، ކުޑަކުދިންނަށް ދޭ ދިޔާ ބޭސްތައް އެތެރެކުރާއިރު ޑީއީޖީ (ޑައިތީލް ގްލައިކޯލް) އަދި އީޖީ (އެތިލެނޭ ގްލައިކޯލް) ނުހިމެނޭކަން ކަށަވަރުކޮށްދޭ ލެބޯރެޓަރީ ތަހުލީލު ލިބި، އެ ކެމިކަލް ބޭހުގައި ނެތްކަން ކަށަވަރުކުރުން ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.