ބޯހިޔާވަހިކަމަށް ހާއްސަކޮށްގެން މި ސަރުކާރުން ކުރިއަށް ގެންދަން ނިންމާފައި އޮތް ރަސްމާލެ މަޝްރޫއު ޑިޒައިންކޮށް ޑީޓެއިލް މާސްޓަޕްލޭން ހަދައި ކޮންސަލްޓަންޓަކު ހޯދަން ކުރި އިއުލާންގެ މުއްދަތު އިތުރުކޮށްފި އެވެ.
މިކަމަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) އަށް ހުށަހަޅަން ކުރިން ދިން މުއްދަތަކީ އަންނަ އަންގާރަ ދުވަހެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން ބުނީ އީއައިއޯ ހުށަހެޅުމުގެ މުއްދަތު މިހާރު މި މަހުގެ 20 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ރަސްމާލެ މާސްޓަޕްލޭނަށް ކޮންސަލްޓަންސީ ފާމެއް ހޮވާނީ ކުރިމަތިލާ ފަރާތްތަކުގެ ތެރެެއިިިން ފެންވަރާއި އަގަށް ބެލުމަށް ފަހު ކަމަށެވެ.
މި ކޮންސަލްޓެންސީގެ މައިގަނޑު މަގުސަދަކީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިން މޮޑެލް އުސޫލުތަކަށް ފެތޭ، އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިގުތިޞާދީ ގޮތުން ފުދުންތެރި މާސްޓަރ ޕްލޭނެއް އެކުލަވާލުމެވެ. އެހެންވެ މި ޕްލޭނަކީ ދުރު ރާސްތާގެ ތަރައްޤީއަށް މަގުފަހިކޮށްދޭ، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބިނާކުރެވިފައިވާ ރޭވުންތެރި ޕްލޭނަކަށް ވާން ޖެހޭނެ ކަމަަށް މިނިސްޓްރީން ބުންޏެވެ.
ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަން އެކަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށީ ޑިސެމްބަރު 18، 2023 ގަ އެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި އެތަނުން ހިއްކާ ބިމުން 11،000 ގޯއްޗާއި، 26،000 އަށް ވުރެ ގިނަ ފްލެޓް ދޫކުރާނެ އެވެ.
ނަމަވެސް ރަސްމާލެ މަޝްރޫއު ހިއްކުމުގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.
މަޝްރޫއަށް ބިން ހިއްކަން ފެށި އިރު ސަރުކާރުން ބުނެފައި އޮތީ 8 މަސް ދުވަހުގެ ތެރޭގައި ބިން ހިއްކައި ނިންމައިލެވޭނެ ކަމަށެވެ.
ރަސްމާލެ އަލީ ފެހިކަން ގަދަ ހިތްގައިމު މާހައުލެއްގެ ކޮންސެޕްޓަށް ތަރައްގީ ކުރަން ސަރުކާރުން އަމާޒު ހިފާފައި އޮތް މަޝްރޫއެކެވެ. އަދި އެތަން ވެގެންދާނީ ޒީރޯ ކާބަން ތަނަކަށް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.