ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރާ މައްސަަލައަކާ ގުޅިގެން އެ ކޮމިޝަނަށް މިއަދު ހާޒިރުކޮށްފި އެވެ.
އަމީރު އޭސީސީއަށް ހާޒިރުކުރި އިރު، އެމްޑީޕީގެ ސަޕޯޓަރުން ވަނީ އެ ކޮމިޝަނުން ހިންގަނީ ސިޔާސީ ތަހުގީގުތަކެއް ކަމަށް ބުނެ އިމާރާތް ބޭރުގައި އިހުތިޖާޖުކޮށްފަ އެވެ.
އަމީރު މީގެކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ފިނޭންސް މިނިސްޓަރު ކަމުގައި މަސައްކަތްކޮށްފައި ވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށާއި ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
"ވަޒީރުކަމުގައި ކޮންމެ ކަމެއް ވެސް ނިންމާފައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް. އެ ޔަގީންކަން ނަފްސާއި މެދު އެބައޮތް،" އަމީރު ވިދާޅުވި އެވެ.
އަމީރު ވަނީ އޭސީސީގެ ރައީސް އާއި މެމްބަރުން ވަޒީފާގެ ދިފާއުގައި ބޭއިންސާފުން މީހުން ފްރޭމްކުރަން ކުރާ މަސައްކަތް ހުއްޓާލަން ގޮވާލާފަ އެވެ. އަދި އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި އޭސީސީ އަދި ޕޮލިހަށް ގެންގޮސް، ބިރު ދައްކަން އުޅުނަސް އެއްވެސް ބިރެއް ނުގަންނާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަމީރު އޭސީސީއަށް ހާޒިރުކުރިއިރު، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެސް އޭސީސީއަށް ހާޒިރުވުމަށް އަންގައި ވަނީ ޗިޓު ފޮނުވައިފަ އެވެ.